އިސްރާއީލުގައި ސަރުކާރެއް އެކުލަވާލަން އިދިކޮޅު ލީޑަރު ޔައިރް ލެޕިޑް އިސްވެ ހުރެ ކޯލިޝަނެއް ހަދަން ކުރި މަޝްވަރާތަކަށްފަހު އެއްބަސްވުމަށް އަތުވެއްޖެއެވެ.

އަދި ޔައިރް ލެޕިޑްވަނީ މިކަން އިސްރާއީލުގެ ރައީސް ރިއުވެން ރިވްލިންއަށް ރަސްމީގޮތުން އެކަން އަންގާފައެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލަން ރައީސް ރިވްލިން، އިދިކޮޅު ލީޑަރު ޔައިރް ލެޕިޑްގެ ޔެޝް އަޓިޑް ޕާޓީއާ ހަވާލުކުރީ، މާޗްމަހު ބޭއްވި އިންތިޚާބުގައި ގިނަ ގޮނޑި ލިބުނު ނަމަވެސް ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާ ނުލެވުމުންނެވެ.

ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީ ލެޕިޑްގެ ޔެޝް އަޓިޑް ޕާޓީއަށެވެ.

އިދިކޮޅު ލީޑަރާ އިސްރާއީލުގެ ރައީސް ހަވާލުކުރި މަސައްކަތް، ކޯލިޝަނެއް ހަދައިގެން ކާމިޔާބު ކުރެވިއްޖެކަން އޭނާ އިއުލާންކުރީ، އެކަމަށް ކަނޑައެޅިފައިވާ ސުންގަޑި ބުދަދުވަހުގެރޭ، އިސްރާއީލުގެ ގަޑިން މެންދަމު 12:00 ގައި ހަމަވުމުގެ ކުރިންނެވެ.

ކޯލިޝަން މަޝްވަރާތައް ކާމިޔާބުވެ، 120 މެމްބަރުން ހިމެނޭ އިސްރާއީލުގެ ޕާލަމެންޓުން ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް އިދިކޮޅު ލީޑަރު ގޮނޑި ހަމަކުރިއިރު، ޔައިރް ލެޕިޑްއާ ކޯލިޝަން ކާމިޔާބުވީ ނަފްޓަލީ ބެނެޓް ކޯލިޝަނާ ގުޅުމުންނެވެ.

ޔަމިނާ ޕާޓީގެ ލީޑަރު ނަފްޓަލީ ބެނެޓް ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރަން އައީ އެންމެ ފަހު ވަގުތުގައި ކަމަށް ވެއެވެ.

އިދިކޮޅު ލީޑަރު ލެޕިޑްގެ މަސައްކަތް ކާމިޔާބު ވިޔަނުދިނުމަށް ނަތަންޔާހޫއާއި، އޭނާގެ ލިކޫޑް ޕާޓީން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރިއެވެ. އަދި އޭނާގެ ކޯލިޝަނާ ގުޅުމަށް އެކި ޕާޓީތަކަށް ބޮޑެތި ހުށަހެޅުންތައްވެސް ހުށަހެޅިއެވެ. ނަމަވެސް، އެއިން އެއްވެސްކަމެއް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ސުންގަޑީގެ ކުރިން، ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް އިދިކޮޅުން ޕާލަމެންޓުގެ ގޮނޑި ކަށަވަރުކުރުމުން، އިސްރާއީލު، އިތުރު އާންމު އިންތިޚާބަކުން ސަލާމަތްވީއެވެ.

އިސްރާއީލުން ވޭތުވެދިޔަ 2 އަހަރުތެރޭ ހަތަރު އިންތިޚާބު ބާއްވާފައި ވެއެވެ. އެއިން އެއްވެސް އންތިޚާބަކުން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް ތާއީދެއް ނުލިބެއެވެ.

އިދިކޮޅަށް ކޯލިޝަން ނުހެދުނުނަމަ ޖެހޭނީ ފަސްވަނަ އިންތިޚާބެއް ބާއްވާށެވެ.

ބޮޑުވަޒީރުކަމުގެ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރު ކަމަށްވާއިރު، ކޯލިޝަންގެ ތާރީޚީ އެއްބަސްވުމުގައި ވާގޮތުން، ވެރިކަމުގެ ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަން ކުރާނީ ނަފްޓަލީ ބެނެޓްއެވެ. ފަހު ދެއަހަރު ބޮޑުވަޒީރުކަން ކުރާނީ ޔައިރް ލެޕިޑެވެ.

އިދިކޮޅު ކޯލިޝަން ކާމިޔާބުވުމުގައި އިސްރާއީލުގެ ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީވެސް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. އެހެންކަމުން، މިއީ، އިސްރާއީލުގައި ވެރިކަންކުރާ ކޯލިޝަނެއްގައި އަރަބި ޕާޓީއެއް ހިމެނޭ ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީގެ ލީޑަރަކީ މަންސޫރު އައްބާސްއެވެ.

ޔުނައިޓެޑް އަރަބް ލިސްޓްގެ ލީޑަރ މަންސޫރު އައްބާސް:

ޔުނައިޓެޑް އަރަބް ލިސްޓުގެ އިތުރުން، ބްލޫ އެންޑް ވައިޓް ޕާޓީ، މެރޭޒް ޕާޓީ، ލޭބަރ ޕާޓީ، ޔިސްރާއީލް ބެއިޓެނޫ ޕާޓީވެސް ކޯލިޝަންގައި ހިމެނެއެވެ.

ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން އާ ސަރުކަރުގެ ދިފާއީ ވަޒީރުކަމުގައި ހުންނަނީ، މިހާރުވެސް އެމަގާމުގައި ހުރި ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޒްއެވެ.

އިދިކޮޅު ކޯލިޝަނުން ހެދި އެއްބަސްވުން ދެން ހުށަހެޅޭނީ އިސްރާއީލުގެ ޕާލަމެންޓަށެވެ. އެއްބަސްވުން ފައިނަލްވާނީ ޕާލަމެންޓުން ފާސްވުމުންނެވެ.

އެއްބަސްވުން ޕާލަމެންޓުން ފާސްވުމާއެކު، އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރުކަމުގައި މިހާރު ހުރި ބެންޖަމިން ނަތަންޔާހޫގެ ވެރިކަމަށް ނިމުން އައީއެވެ. 12 އަހަރަށްފަހު ނަތަންޔާހޫ އިސްރާއީލުގެ އިދިކޮޅު ލީޑަރަށް ވެގެންދާނެއެވެ.

މިހާރު ތާއީދު އޮތްގޮތުން، އިދިކޮޅު ޕާޓީތައް ގުޅިގެން ހެދި އެއްބަސްވުން ޕާލަމެންޓުން ފާސްވާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް، އެ އެއްބަސްވުން ފާސްވިޔަ ނުދިނުމަށް ނަތަންޔާހޫ އޭނާއަށް ކުރެވެންއޮތް ހުރިހާކަމެއް ކުރާނެ ކަމަށް ވެއެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ހެދި އެއްބަސްވުމަށް އިސްރާއީލުގެ ޕާލަމެންޓުގައި ވޯޓަށް އެހުން އޮންނާނީ އަންނަ ހަފްތާ ތެރޭގައެވެ.