އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމިފައިވާކަމަށް އެ މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

މިމަޝްރޫޢަކީ 2019 ވަނަ އަހަރުގެ 23 ޖޫންގައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 5.36 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން، ސ. މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 1،253 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި 11 މީޓަރ 11 - މީޓަރ ގެ ރޭމްޕްއެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ހިތްގައިމު ބަނދަރެކެވެ. އެގޮތުން، ވާ އައްސާ ކުޅިތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ވަނީ ހަރުކޮށްފައެެވެ. އަދި ބަނދަރު ޑިޒައިންކޮށްފައިވަނީ ކުރިން މީދޫ ގައި ދިމާވި ބޮޑު ދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢު ތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުންހުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މިނޫނަސް އައްޑޫ ސިޓީގައި އިތުރުތަރައްޤީގެ މަޝްރޫއުތައް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ވަނީ ރާވާފައެވެ.