ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމަށް "ސިޓީ ބައިކް ޕްރޮޖެކްޓް" ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެހެން 300 ބައިސްކަލު ތައާރަފް ކުރެވިގެންދާނެކަަމަށް ބީއެމްއެލްއިން ބުނެއެވެ. މި ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކުކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ންކް އޮފް މޯލްޑިވްސް އިން މި ޕްރޮޖެކްޓަށް ފަންޑުކުރުމަށް ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓް ހިންގުމަށް ހަަމަޖެހިފައިވަނީ އެޗްޑީސީ އާ ގުޅިގެންގެނެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފް ކުރެވޭ މިފަދަ ޕްރޮގްރާމެއް ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއްކަން ޓިމް ފާހަގަކުރެއްވިއެވެ. މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރެވިގެން މިދަނީ މިއަހަރުގެ "ވޯލްޑް ބައިސިކަލް ޑޭ" އާ ގުޅުވައިގެންކަންވެސް ޓިމް ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވަނީ، މި މަސައްކަތަކީ ނާޒުކު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކެރެވެމުންދާ މަސައްކަތުގައި އެޅުނު އިތުރު މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ.

މި ހިދުމަތުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.