ޖުލައިމަހު ޖަޕާނުގައި ފަށާ ޓޯކިއޯ އޮލިމްޕިކްސް ގައި ބެޑްމިންގްޓަނުން ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު، ގައުމީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އަށް ލިބިއްޖެއެވެ.

އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ނަބާއަށް ލިބުނުއިރު އޭނާއަކީ ތާރީހުގައި ވެސް ރާއްޖެއިން އޮލިމްޕިކްސްގައި ބެޑްމިންގްޓަނުން ވާދަކުރާ ދެވަނަ ކުޅުންތެރިއާއަށް ވާނެއެވެ. މީގެކުރިން މި ފުރުސަތު ލިބިފައިވަނީ 2012 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ ލަންޑަން އޮލިމްޕިކްސްގައި މުހައްމަދު އަޖުފާން އަށެވެ. މިއާއެކު ބެޑްމިންގްޓަނުން ރާއްޖެ ތަމްސީލުކުރާ ދެވަނަ ކުޅުންތެރިއާ އަށް ވުމުގެ އިތުރުން ނަބާ އަކީ މި ކުޅިވަރުން ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އަންހެން ކުޅުންތެރިޔާވެސް މެއެވެ.

އަޖުފާނާއި ނަބާ އަށް ވެސް އޮލިމްޕިކުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީީއޭއެމް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.

ގައުމު ތަމްސީލުކޮށް ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައިދިނުމުގެ އަޒުމުގައި އޮލިމްޕިކްސްގައި ނަބާ ވާދަކުރާއިރު އޭނާ ވަނީ މީގެކުރިންވެސް ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން ރަންވަނަ ހޯދައިދީފައެވެ. އެގޮތުން ނަބާ އަކީ 2019 ވަނަ އަހަރު މޮރީޝިއަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދަދިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. ނަބާ އާއި އެއްމާބަނޑު އާމިނަތު ނަބީހާއާ އެކު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައި ދީފަ އެވެ.

އުމުރުން އެންމެ 21 އަހަރުގެ ނަބާ އާއިއެކު ރާއްޖެއިން އިތުރު ދެ އެތްލީޓަކު މި އަހަރުގެ އޮލިމްޕިކްސް ގައި ވާދަކުރާނެ އިތުރު ދެ އެތްލީޓުން ވަނީ ފައިނަލް ވެފައެވެ. އެއީ ސްވިމިންގް އިވެންޓުގައި ވާދަކުރާ ދެ ފެތުންތެރިން ކަމުގައިވާ އައިޝަތު ސައުސަން އާއި އަލީ އިމްއާން އެވެ. އެތުލެޓިކްސްއިން އޮލިމްޕިކްސް ގައި ވާދަކުރާ އެތުލީޓް ފައިނަލް ވާނީ މި މަހު ބާއްވާ ޓައިމް ޓްރެއަލް އަށް ފަހުއެވެ.