މިއަހަރުވެސް ހައްޖުގެ މަތިވެރި އަޅުމަށް އިންޑޮނޭޝިޔާއިން މީހުން ނުފޮނުވާގޮތަށް އިންޑޮނޭޝިޔާ ސަރުކާރުން ނިންމައިފިއެވެ.

މިއީ، ކޮވިޑްބަލީގެ ހާލަތާ ގުޅިގެން އިންޑޮނޭޝިޔާއިން ޖެހިޖެހިގެން ހައްޖަށް މީހުން ނުފޮނުވާ ދެވަނަ އަހަރަށް ވާނެއެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ގައުމެކެވެ.

އެގައުމަށް ސައުދީ އަރަބިއްޔާއިން ދީފައި އޮންނަ ކޯޓާ ނިޒާމުގެ ތެރެއިން ހައްޖަށްދާން ބޭނުންވާ މީހަކަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު އިންތިޒާރު ކުރަންޖެހެއެވެ.

އެހެންކަމުން، ވޭތުވެދިޔަ އަހަރާއި އަދި މިއަހަރުވެސް ހައްޖުގެ އަޅުކަމަށް ދެވޭގޮތް ނުވުމުން ގިނަބަޔަކު އެކަމާ ހިތާމަކުރެއެވެ.

އިންޑޮނޭޝިޔާ ސަރުކާރުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް ޔާގޫތު ޗޮލީލް ޤައުމަސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑޮނޭޝިޔާގެ ރައްޔިތުން މިއަހަރުވެސް ހައްޖަށް ނުފޮނުވާން ސަރުކާރުން ނިންމީ، ކޮވިޑްބަލީގެ ހާލަތާއި ގުޅިގެންނާއި އަދި ހައްޖުވެރިންގެ ސަލާމަތަށްޓަކައި ކަމަށެވެ.

ހަމަ އެއާއެކު، އެހެން ގައުމުތަކުން ހައްޖަށް މީހުން ދާން ސައުދީ އަރަބިއްޔާއިންވެސް ހުޅުވާލާފައި ނުވާކަމަށް އިންޑޮނޭޝިޔާގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް ޔާގޫތުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"އިންޑޮނޭޝިޔާއަށް އެކަންޏެއްނޫން، އެހެން އެއްވެސް ގައުމަކަށްވެސް ސައުދީ އަރަބިއްޔާއިން އަދި ކޯޓާ ދީފައެއް ނުވޭ. އެކަމާބެހޭ އެމްއޯޔޫގައި ސޮއި ކުރެވިފައެއް ނުވޭ"
މިނިސްޓަރ ޔާގޫތު

އިންޑޮނޭޝިޔާގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް ވިދާޅުވީ، މިއަހަރު ހައްޖަށް ދިއުމަށް ފީ ދައްކާފައިވާ ފަރާތްތައް ދެން ހައްޖަށްދާނީ އަންނަ އަހަރު ކަމަށެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން ހައްޖުގެ އަޅުކަމަށް ބޭރު ގައުމުތަކުން މީހުން ދިއުމަށް މިދިޔަ އަހަރު ސައުދީ އަރަބިއްޔައިން ފުރުސަތު ދީފައެއް ނުވެއެވެ. މިއީ، މިފަހުގެ ތަރީޚެއްގައިވެސް ހައްޖަށް ދިއުމަށް ފުރުސަތު ބަންދުވި ފުރަތަމަ ފަހަރެވެ.

ހަރުކަށި ފިޔަވަޅުތަކާއެކު، މިދިޔަ އަހަރު ހައްގުގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދީފައިވަނީ ސައުދީ އަރަބިއްޔާގެ އެތެރެއިން ހާހެއްހާ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީ ރައްޔިތުންނާއި، އަދި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނެވެ.

ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަހަރުގެ މާޗްމަހު ބުނެފައިވަނީ، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭނޭ ކަމަށެވެ.

އެހެން ނަމަވެސް، ކޮވިޑްބަލި ދުނިޔޭގެ ބައެއް ހިސާބުތަކުގައި އިތުރުވެ، އިތުރު ވޭރިއެންޓުތައްވެސް ފެތުރެމުންދާތީ، ބޭރު ގައުމުތަކުން ހައްޖަށް މީހުން އައުމަށް ފުރުސަތު ނުދޭން ސައުދީ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް، އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.

ސައުދީ ސަރުކާރުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، މިއަހަރުވެސް ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ އެތެރެއިން ވަކި އަދަދަކަށް ފުރުސަތު ދިނުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

ނަމަވެސް، މިކަމާ ގުޅޭގޮތުން ސައުދީ ސަރުކާރުން ރަސްމީގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.