މެލޭޝިޔާގެ ސްޓޭޓް ސަރުކާރު ތަކަށާއި، އަމިއްލަ ހޮސްޕިޓަލްތަކަށް ކޮވިޑް ވެކްސިން ގަތުމުގެ ހުއްދަ މެލޭޝިޔާ ސަރުކާރުން ދީފިއެވެ.

ޕެނާންގައި ހުންނަ ވެކްސިން ސެންޓަރަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ސަރުކާރުގެ ވެކްސިން ކޯޑިނޭޓިންގ މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ، އަމިއްލައަށް ވެކްސިން ގަނެގެން އާންމުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ސްޓޭޓް ސަރުކާރު ތަކަށާއި، އަމިއްލަ ހޮސްޕިޓަލްތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ޚައިރީ ޖަމާލުއްދީނަކީ މެލޭޝިޔާ ސަރުކާރުގެ މިނިސްޓަރ އޮފް ސައިންސް، ޓެކްނޯލޮޖީ އެންޑް އިނޮވޭޝަނެވެ.

ސްޓޭޓް ސަރުކާރުތަކާއި، އަމިއްލަ ހޮސްޕިޓަލްތަކަށްވެސް ގަނެގެން މެލޭޝިޔާއަށް އެތެރެ ކުރެވޭނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަޖެންސީ ހުއްދަ ދީފައިވާ ވެކްސިންތައް އެކަނި ކަމަށް މިނިސްޓަރ ޚަރިޖީ ޖަމާލުއްދީން ވިދާޅުވިއެވެ.

އެގޮތުން، މެލޭޝިޔާ ސަރުކާރުން މިހާރު ކުރިއަށްގެންދާ ގައުމީ ވެކްސިން ޕްރޮގްރާމްގައި ނުހިމެނޭ ކޮވިޑް ވެކްސިންތައް ކަމަށްވާ މޮޑަނާ އަދި ސިނޮފާރމް ވެކްސިންފަދަ ވެކްސިންތައްވެސް އަމިއްލައަށް ގަނެގެން ބޭނުން ކުރެވޭނޭ ކަމަށް ޚައިރީ ވިދާޅުވިއެވެ.

އަމިއްލައަށް ވެކްސިން ގަންނަން ބޭނުންވާނަމަ ސްޓޭޓް ސަރުކާރުތަކާއި، އަމިއްލަ ހޮސްޕިޓަލްތަކުން ހަމައެކަނި ކުރަންޖެހޭ ކަމަކީ، ހެލްތު މިނިސްޓްރީގެ ނޭޝަނަލް ފާމަޝޫޓިކަލް ރެގިއުލޭޓަރީ އޭޖެންސީގައި އެކަން ރަޖިސްޓަރީކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްޓޭޓް ސަރުކާރުތަކުން އަމިއްލައަށް ވެކްސިން ގަނެގެން ގެންނަން ބޭނުންވާނަމަ އަދި އެނޫން ވެކްސިންތައްވެސް ގެންނަން ބޭނުންވާނަމަ އެކަން ކުރިއަށް ގެންދަންވީ. ވެކްސިން އުފައްދާ ކުންފުނިތަކާ ވާހަކަ ދެއްކުމުގައި ސަރުކާރު އޮތީ އެހީތެރިކަން ފޯރުކޮށްދޭންވެސް ތައްޔާރަށް"
ޚައިރީ ޖަމާލުއްދީން

މެލޭޝިޔާ ސަރުކާރުން ކުރިއަށްގެންދާ ގައުމީ ވެކްސިން ޕްރޮގްރާމްގައި ބޭނުން ކުރަމުންގެންދަނީ ޗައިނާގެ ސިނޮވެކް، ފައިޒަރ/ބަޔޯއެންޓެކް އަދި އެސްޓްރަޒެނެކާގެ ވެކްސިނެވެ.

ސްޓޭޓް ސަރުކާރުތަކުން ނުވަތަ އަމިއްލަ ހޮސްޕިޓަލަކުން މިތިން ވެކްސިންގެ ތެރެއިން ވެކްސިނެއް ގަނެގެން އެތެރެކުރަން ބޭނުންވާނަމަ، މައި ސަރުކާރުން ދީފައިވާ އޯޑަރު ލިބެންދެން ޖެހޭނީ މަޑުކުރަންކަމަށް މިނިސްޓަރ ޚައިރީ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިހާތަނަށް 8 ވެކްސިނަކަށް އިމަޖެންސީ ހުއްދަ ދީފައި ވެއެވެ.

އެ ވެކްސިންތަކަކީ، ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިން، މޮޑަނާގެ ވެކްސިން، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން، އެސްޓްރަޒެނެކާ-އިންޑިއާ ވެކްސިން، އެސްޓްރަޒެނެކާ-ދެކުނު ކޮރެއާ ވެކްސިން، އެސްޓްރަޒެނެކާ-އީޔޫ ވެކްސިންގެ އިތުރުން، ޗައިނާގެ ސިނޮފާރމް ވެކްސިނާއި، ސިނޮވެކް ވެކްސިނެވެ.

މެލޭޝިޔާގެ ސްޓޭޓް ސަރުކާރުތަކަށާއި، އަމިއްލަ ހޮސްޕިޓަލްތަކަށް ކޮވިޑް ވެކްސިން އަމިއްލައަށް ގަނެގެން އެތެރެކުރުމުގެ ހުއްދަ ސަރުކަރުން މިދިނީ، އެކަން ކުރުމަށް ސްޓޭޓްތަކުންނާއި އަމިއްލަ ހޮސްޕިޓަލްތަކުން ކުރަމުންދިޔަ މަސައްކަތަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ ސިޔާސީ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ކޮވިޑްބަލިން ދިފާއުވުމަށް މެލޭޝިޔާއިން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ވެކްސިން ޖެހުމުގެ ދެވަނަ ފިޔަވަހި މިހާރު ކުރިއަށްދާއިރު، މިހާތަނަށް 3.5 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވެއެވެ. މީގެތެރެއިން 1.1 މިލިއަން މީހުންވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ، މެލޭޝިޔާގައި މިދިޔަ މެއިމަހުގެ 27 އިން ފެށިގެން މިހާރު ދުވާލެއްގެ މައްޗަށް އެއްލައްކަ ޑޯޒްގެ ވެކްސިން ޖަހަމުންގެންދާ ކަމަށާއި، އަމާޒަކީ، ކުރިއަށްއޮތް ޖުލައިމަސް ނިމެންވާއިރަށް ދުވާލަކު ދެލައްކަ ޑޯޒް ޖެހުން ކަމަށެވެ.

ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފެށުމުން މުޅި މެލޭޝިޔާ މިހާރުއޮތީ މި ޖޫންމަހުގެ 1 އިން 14 އަށް ލޮކްޑައުން ކޮށްފައެވެ. މިފިޔަވަހީގައި އަލަށް ޕޮޒިޓިވްވާ ރޭޓު ދަށް ކުރެވިއްޖެނަމަ ކުދިކުދި ލުއިތަކާއެކު އިތުރު 4 ހަފްތާއަށް ލޮކްޑައުންކުރަން ވަނީ ރާވާފައެވެ.

ތިންވަނަ ފިޔަވައްސެއްވެސް ޕްލޭން ކޮށްފައިވާއިރު، ތިންވަނަ ފިޔަވަހީގައި ހަރުކަށި ފިޔަވަޅުތަކަކާއެކު އިގްތިސާދީ ހަރަކާތްތައް ހުޅުވާލާއިރު، އިޖުތިމާއީ އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި މީހުންގެ ހަރަކާތްތައް ކޮންޓްރޯލްކޮށް، މިހާރު އަޅާފައިވާގޮތަށް، އޮފީސްތަކަށްވެސް ނުކުމެވޭނީ މަދު ބަޔަކަށެވެ.