އެމެރިކާއިން ދިވެހިރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭން ނިންމުމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެކަމަށް މަރްހަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާ ސަރުކާރުގެ ނިންމުމަށް މަރްހަބާ ވިދާޅުވީ، އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް އެކަށައެޅި ވެކްސިން ޝެއަރިންގ ޕްރޮގްރާމްގައި ހިމެނޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޓެގްކުރައްވައި ރައީސް ސާލިހް ކުރެއްވި ޓްވީޓުގައި، ދިވެހި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރައީސް ޖޯ ބައިޑެން އަށާއި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓު އާންމުކުރުމާއެކު އެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެމެރިކާގެ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަން އެމެރިކާއިން ވަނީ އިއުލާން ކޮށްފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާން ކޮށްފައިވާއިރު، އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓް ރަސްމީކޮށް މާދަމާ ހަވާލުކުރާނެއެވެ.

ކޮވިޑްބައްޔާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން މީގެކުރިންވެސް އެކިއެކި އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.