ދިވެހިރާއްޖެއަކީ ޖަޕާނުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ހިތްގައިމު އަދި އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ޖަޕާން މާކެޓުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މިއީ ޖަޕާނު މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ޖަޕާނުގެ ބޯޑަރު އަލުން ހުޅުވާލައި، ދަތުރުކުރެވެން ފެށުމާއެކު ޖަޕާނުގެ ފަތުރުވެރިން ރާއްޖެ އިޚްތިޔާރުކުރުމަށް ޝައުގުވެރި ކުރުވުމަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިކެމްޕެއިންގެ ތެރެއިން ޖަޕާން މާކެޓައް ޚާއްސަ ވިޒިޓް މޯލްޑިވްސްގެ އޮފިޝަލް ސޯޝަލް މީޑިޔާ އެކައުންޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެކައުންޓް ތަކުގައި ޖަޕާން ބަހުން ދިވެހިރާއްޖެ އިޝްތިހާރު ކުރެވިގެން ދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިނަށް މީހުން އިތުރަށް ޝައުގުވެރިކޮށް އެންގޭޖްމެންޓް އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމަށް ހޮލިޑޭ ވައުޗަރއެއް ހަދިޔާ ކުރާނެ ކަމަށާއި، މި ކެމްޕެއިން ހަމިލިއަން މީހުންނަށް ފޯރާނެ ކަމަށް ބެލެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިކެމްޕެއިންގައި ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

2019 ވަނަ އަހަރު ޖަޕާން މާކެޓުން 44,251 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޖަޕާން މާކެޓުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި ޕެންޑެމިކްގެ ކުރިން އައި އަދަދާ އެއްވަރުކޮށް އަދި އިތުރު ކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ގެންދަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް ހިންގަމުންނެވެ.

މީގެތެރޭގައި މީޑިއާ ފެމެލިއަރައިޒޭޝަސް ޓްރިޕް، ޓަބީ މިއުސް އާއިއެކު ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކެމްޕެއިނާއި ޓޫރިޒަމް އެކްސްޕޯ ޖަޕާން ގައި ބައިވެރިވުން ހިމެނެއެވެ.