ޖޫނިއަރ ކޮލެޖް އަދި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުތައް ޤާއިމް ކުރުމާއި ބެހޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ކައުންސިލްތަކާއި އެދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ އަލަށް އިންތިޚާބުވި ކައުންސިލްތަކުގެ މެމްބަރުންނަށް މި ޕްރޮޖެކްޓް ހިނގާ ގޮތުގެ ތަފްސީލް ދީ، މި ޕްރޮޖެކްޓް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ. މި ޕްރޮޖެކްޓަކީ މީހުން ބިނާ ކުރުމުގެ ގޮތުން ރަށްރަށުގެ އަދި އަތޮޅުތަކުގެ މުސްތަޤްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދީ މަސައްކަތަކަށް ވެގެންދާނެކަމަށްގެ މަޤްސަދަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ޖޫނިއަރ ކޮލްޖް އާއި ޓިވެޓް ސެންތަރުތައް ޤާއިމްވެމެންދާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް އަތޮޅު ތެރޭގައި ފަހި ކުރުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުންކުރެވޭ މަސައްކަތެއްގެ ގޮތުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުގެ މަތީން ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުތައް އަދި ޕޮލިޓެކްނިކް ކެމްޕަސްތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް މިނިސްޓަރ ވަނީ ކިޔައިދެއްވާފައެވެ. އެގޮތުން ހ.އ. ދިއްދޫ އަދި ނ .ކެނދިކުޅުދޫ ގައި ޖޫނިއަރ ކޮލެޖެއް އެޅުމަށް ހަމަޖައްސާފައިވާކަމަށް މިނިސްތަރ ވިދާޅުވިއެވެ.

ކ. ތުލުސްދޫގައި ޕޮލިޓެކްނިކް ސެންޓަރެއް ގާއިމްކުރާނެ ކަމަށާއި، ފުވައްމުލައް ސިޓީ ، ކުޅުދުއްފުށި ސިޓީ އަދި ރ. އަލިފުށީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ގާއިމްކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަމަކީ މަތީ ތަޢުލީމާއި ތަމްރީންގެ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސއްކަތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި އިންސިޓިއުޓްތައް ޤާއިމްކުރެވޭނީ ދަނާލަކާއި އެކުގައި ކަމާއި މި ޒަމާނުގައި ދަނާލެއް ނެތްނަމަ އެހެން ރަށްރަށުން އަންނަ ކުދިންނަށް އެތަނުގައި ތިބެގެން ތަޢުލީމް ޙާސިލް ކުރުންފަދަ ކަންކަމެއް ނުކުރެވޭނެތީވެ، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ދިއުމަށް މިކަހަލަ އިންސްޓިޓިއުޓްތައް ހެދިގެން ދާއިރު ދަނާލެއްގެ ޚިދުމަތް ބޭނުންވާކަންވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އިންވެސްޓަރުންނަށް ޢިމާރާތް އަޅަންދޭ ބިމުގައި އިތުރަށް ރެވެނިއު ޖެނެރޭޓް ކުރުމަށް އެހެނިހެން ކަންކަން ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރ ޑރ. އިބްރާހިމް ޙާސަން ފާހަގަކުރެއްވިއެވެ.