ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލް އައްޔަންކުރުމުގައި ކައުންސިލްތަކުގެ ލަފާ ހޯދުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ ކައުސިންތަކަށް ސެކެޓްރީ ޖެނެރަލް އައްޔަންކުރުމުގައި ކައުންސިލްތަކުގެ ލަފާ ނުހޯދާ އެސްޖީން އައްޔަންކުރުމަށް، ލާމަރުކަޒީ ގާނޫނަށާއި، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ވަގުތެއްގައެވެ.

މި ދެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ. މި އިސްލާހު ހުށަހެޅުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް ވަނީ އަމާޒުވެފައެވެ.

މަބްރޫކް ވިދާޅުވީ ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލް އައްޔަންކުރުމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކައުންސިލްތަކުގެ ލަފާ ހޯދައިގެން އެސްޖީން އައްޔަންކުރުން ކަމަށެވެ.

ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މި ސަރުކާރުން ގެނައި މުހިންމު އިސްލާހާއެކު ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އަދި މިވަގުތު މަޖިލީހަށް ހުށަހަޅާ މަޝްވަރާކުރަމުންދާ އިސްލާހަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ލާމަރުކަޒި ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން އައްޔަންކުރާނީ ކައުންސިލްތަކުގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

އެހެންނަމަވެސް ގެމަނަފުށިި ދާއިރާގެ މެމްބަރު ސައީދު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އެއީ ކައުންސިލްތަކުގެ ލަފާ ހޯދުމެއްނެތި ކަމަށް އިސްލާހުގައި ވެއެވެ.

މިއީ ޕްރޮފެޝަނަލް މިންގަނުތަކެއްގެ ތެރެއިން މިކަން ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.