ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ބޮޑުތިލަދުންމަތި ތަރައްގީވެގެން އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާލުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މިފަދައިން ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށު ކައުންސިލް ރައީސުންނާއި ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައި ތިލަދުންމަތީ އުތުރުބުރީ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރަށްރަށުގެ ރައްޔިތުންނަށް ފަތުރުވެރިކަމުން މަންފާ ހޯދައިދިނުމަށްޓަކައި ކައުންސިލުތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީއިން ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ހުރިހަ މަސއްކަތަކާއެކު ބޮޑު ތިލަދުންމަތި ތަރައްގީ ވެގެން އަންނާނީ ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅަށް ފަހު، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ރައްޒާން އަދި ޑިރެކްޓަރ ޝިނާން ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އަދި ޓޫރިޒަމްއާއި ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާއި، މީގެ އިތުރުން ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން ވަކިން ހާއްސަކޮށް މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭ ބިންބިމުގެ ބީލަމުގެ މަސައްކަތްތަކާ ބެހޭ މައުލުމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ޕްލޭނިންގ އޮފިސަރ އަބްދުﷲ ޢިޔާޒް ވަނީ ތިލަދުންމަތީ އުތުރުބުރީގެ ފަތުރުވެރިކަމުގެ އަޕްޑޭޓު ހުށަހަޅާދީފައެވެ.