ވަކި ވަކި ސިފައިންނަށް ކޮމިޓީއަށް މައުލުމާތު ނުދެވޭނެކަމަށް ނިންމުމަކީ ބޭއިންސާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރާނީ އެ މުއައްސަސާއިން ކަމަށް އެމްއެންޑީއެފުން ބުނުމާއި ގުޅިގެން މިކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ހާދިސާގައި ވަކި ވަކި ސިފައިން އަމަލުކުރި ގޮތް ފޮރުވުމަށް އެފަދަ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ.

އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިންއިރު، އެމަނިކުފާނުގެ އަރިހުގައި ތިބި މޮޅު ކުދިންނަށް ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮދަށް ބޭއިންސާފެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ސިފައިންނާއި ފުލުހުންނަށް ހުޅުވާލާމާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނުގައި ވަނީ ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރި ކުރުވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ އެ މުއައްސަސާއިން ކަމަށް ބުނެފައެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުސޫލުތަކާއި ޚިލާފު ކަމެއްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ

މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ސިފައިންނަކީ އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިޚްތިޔާރު ލިބިފައިވާ ބައެއް ނޫންކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.