ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅޭ ހުރިހާ މެޗެއް ވީޓީވީ އިން ވަގުތުން ގެނެސްދޭން ނިންމައިފިއެވެ.

އެގޮތުން މިރޭ ރާއްޖެއިން ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗުވެސް ވަގުތުން ގެނެސްދޭއިރު މެޗު ފެށުމުގެ 30 މިނެޓު ކުރިން މެޗުގެ ޕްރީ ޝޯ ގެނެސްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޕްރީ ޝޯގައި މެޗު އެނެލިސްޓެއްގެ ގޮތުގައި ފުޓުބޯޅައިގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ހުރިހާ މެޗެއް އެންމެ ފުރަތަމަ ކުޅެން ނިންމާފައިވަނީ ސެންޓްރަލައިޒްކޮށް ޗައިނާގައެވެ. އެހެންނަމަވެސް މި ގުރުޕޫގައި ހިމެނޭ ރާއްޖެ، ޕިލިޕީންސް އަދި ސީރިޔާއިން ޗައިނާއަށް ދިއުމުގައި ދަތިތަކެއް ހުރުމުން މިގުރޫޕްގެ މެޗްތައް ދުބާއީގައި ކުޅޭގޮތަށް ވަނީ ނިންމާފައެވެ.

ދުބާއީގައި މެޗުތައް ކުޅެން ނިންމާފައިވާއިރު ފާއިތުވީ މެއި މަހުގެ 22 ވަނަ ދުވަހު ގައުމީ ޓީމުން ވަނީ އެގައުމުގައި ކޭމްޕް ކުރުމަށް ފުރާފައެވެ. ކޮލިފިކޭޝަން މެޗުތަކަށް އެކުލަވާލި 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއިއެކު ގައުމީ ޓީމުން ދުބާއީގައި ކޭމްޕް ކުރަން ނިންމީ ގައުމީ ޓީމަށް ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުމުންނެވެ.

އެގޮތުން މުބާރާތަށް ތައްޔާރުވުމަށްޓަކައި ޓީމުން ވަނީ މާލޭގައި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދުބާއީ އަށް ފުރުމާއި ހަމައަށް ކޭމްޕް ކޮށްފައެވެ. ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނެތުމުން ގައުމީ ޓީމުން ވަނީ ކޭމްޕް ކުރަމުންދިޔަ ހޮޓެލް ޖެންގެ ބޯލް ރޫމުގައިވެސް ޕްރެކްޓިސް ކޮށްފައެވެ.

ދުބާއީ އަށް މެޗުތައް ބަދަލުކުރުމާއެކު މެޗުތަކުގެ ޝެޑިއުލް އަށްވެސް ވަނީ ބަދަލްތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން އޭއެފްސީން ތާވަލުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި އެއަށްފަހު މި މަހުގެ ހަތްވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭއިރު، ފިލިޕީންސާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅެންހުރި މެޗުތައް- ފޮޓޯ:- އެފްއޭއެމް

އެހެންނަމަވެސް އޭއެފްސީން އާންމުކޮށްފައިވާ އައު ޝެޑިއުލްގައިވާގޮތުން ކޮލިފައިންގައި ރާއްޖެ އެންމެ ފުރަތަމަ ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. މި މެޗު މިރޭ 21:00 ގައި ކުޅޭއިރު، މި މަހުގެ 11 ވަނަ ދުވަހު ކުޅޭނީ ޗައިނާ އާއި ރާއްޖޭގެ މެޗެވެ. އަދި ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށެވެ.

ރާއްޖެއިން މިރޭ ސީރިއާ އާއި ދެކޮޅަށް ނުކުންނައިރު މިއީ ރާއްޖެއިން މި ބުރުގައި ކުޅޭނެ ހަމައެކަނި ހޯމް މެޗެވެ. މީގެކުރިން އަވޭގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 1-2 ގެ ނަތީޖާ އަކުން މޮޅުވެފައިވަނީ ސީރިއާ އެވެ. މި މެޗުވެސް މިރޭ 21:00 ގައި ވީޓީވީ އިން ވަގުތުން ގެނެސްދޭއިރު މެޗުގެ ޕްރީ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.

ގްރޫޕް އޭގެ ޕޮއިންޓު ޓޭބަލް

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.