އެމްބިއުލެންސް އައުން ލަސްވެ ފަރުވާ ނުދެވި، 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިމްބާހީމް މުހައްމަދު ސޯލިހު ބަހެއް ނުުބުނުމުން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވިއެވެ.

ކޮވިޑް-19 ބަލި ތަހައްމަލްކުރަމުންދިޔަ މިޝްކާ މަރުވީ، ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅައި، މިޝްކާ ބަލައި އައި އެމްބިއުލެންސް ލަސްވުމުންކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. މިކަމާއި ގުޅިގެން، ރާއްޖޭގެ ސިއްހީ ދާއިރާ ފެއިލްވެފައިވަކަމަށްބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ހެލްތް މިިނިސްޓަރު އަހްމަދު ނަސީމްގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.

މިޝްކާގެ މަރާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، މިޝްކާގެ މަރުގެ ތަހުގީގުކުރުމަށްފަހު، މިކަމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅުއަޅާނެކަމަށެެވެ.

މިޝްކާގެ މަރާއި ގުޅިގެން ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކެއްގެ ފޮޓޮއާއެކު، ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެލްތް މިނިސްޓަރު ނަސީމްގެ މައްޗަށް މުޅި މައްސަލަ ޖަހާފައި، ރައީސް އާއި އެހެން ވަޒީރުން ގެއްލުނީމަ މިކަން ހައްލު ނުވާނެކަމަށެވެ.

އާއިލާއާއި، މުޅި ގައުމު ރޮއްވާލާފައި ތުއްތު ދަރިފުޅު ވަނީ މުޅި ދުނިޔެއާއި އަލްވަދާއު ކިޔާފައިކަަމަށް މެމްބަރު ސައީދު ވިދާޅުވިއެވެ.

ދިމާވެފައި މިއޮތް ބޮޑު ހިތާމައިގައި އެންމެ ކުޑަ މިނުން ރައީސްއަށް އެއްޗެއް ބުނެލަން ނުކުރުންތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

އާއިލާއިން ބުނީ، މިމަހުގެ އެއް ވަނަ ދުވަހުގެ ރޭގަނޑު 9 ޖެހީން ސުރެން، އާއިލާއިން ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް ގުޅިނަމަވެސް އެމްބިއުލެންސް އައީ އެރޭ 11:40 ވީ ފަހުންކަމަށެވެ.

އެމްބިއުލެންސްގެ އިންތިޒާރުގައި ކުއްޖާ ބާއްވައިގެން ތިއްބާ ނޭފަތުން ލޭ އައިސް ވަނީ ހޭނެތިފައިކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

މިޝްކާ މަރުވީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް އެރޭ 12:10 ހާއިރުއެވެ.