ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑުން ރަނގަޅުވެ މާދަމާ ގައުމީ ޓީމާއި ގުޅޭނެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް މީސްމީޑިއާގައި ދަގަނޑޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ހެދި ކޮވިޑް ޓެސްޓުން އޭނާ ނެގެޓިވް ވެފައިވާ ކަމަށާއި ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް މާދަމާ ޓީމާއި ގުޅޭނެ ކަމަށެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓީވްވެ ގައުމީ ޓީމުން ދުބާއީގައި ކުރަމުންދާ ކޭމްޕާއި ދުރަށް ގޮސްފައިވަނީ ފާއިތުވީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. ގައުމީ ޓީމުން ދުބާއީގައި ކޭމްޕް ކުރަމުންދަނީ ރާއްޖޭގައި ޓީމަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނެތުމުން އެފުރުސަތު ހޯދުމަށްޓަކައެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ދުބާއީގައި ގައުމީ ޓީމުން ކުރަމުންދާ ކޭމްޕުގެ ތެރެއިން ކުރި ދެވަނަ ކޮވިޑު ޓެސްޓުންނެވެ. ދަގަނޑޭގެ އިތުރުން ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ޓީމާއި ދުރަށްދާން ޖެހިފައެވެ. ތޮއްޕޭ މީގެ ކުރިންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ގައުމީ ޓީމުގެ ފައިނަލް ސްކޮޑާއެކު ތޮއްޕޭއަށް ދުބާއީއަށް ނުދެވުނުއިރު، އޭނާ ގައުމީ ޓީމާ ގުޅުނީ ޓީމު ދުބާއީގައި ކޭމްޕް ކުރަމުންދަނިކޮށެވެ.

ހޮނިހިރު ދުވަހު ދަގަނޑޭ ގައުމީ ޓީމާއި ގުޅޭއިރު ރާއްޖެ ޓީމު ހުކުރު ދުވަހުގެރޭ (މިރޭ) ކޮލިފައިންގައި ސީރިއާ އާއި ދެކޮޅަށް ނުކުންނާނެއެވެ. ދަގަނޑޭ އަކީ ކޮލިފައިންގައި ރާއްޖެއިން ސީރިއާ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

ދަގަނޑޭ ޓީމާއި ގުޅުމަކީ ޓީމަށް އިތުރު ހިތްހަމަޖެހުމެއް ލިބި މެޗުތަކުގައި ތަފާތު ދެއްކުމަށް ލިބިގެންދާނެ ހިތްވަރަކަށް ވާނެއެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއިން ޗައިނާ އާއި ދެކޮޅަށް ނުކުންނަ މެޗު އަދި 15 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށް ނުކުންނަ މެޗުގައި ދަގަނޑޭއަށް ކުޅެވޭނެއެވެ.

ކޮލިފައިންގައި މީގެކުރިން ރާއްޖޭގެ ޓީމު ކުޅެފައިވާ މެޗުތަކަށް ބަލާލާއިރު ގުއާމް އާއި ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ރާއްޖެ ވަނީ މޮޅުވެފައެވެ. އެހެންނަމަވެސް ސީރިއާ އާއި ފިލިޕީންސް އާއި ދެކޮޅަށް ކުޅުނު މެޗުތަކުން 1-2 އިން ރާއްޖެ ބަލިވެފައިވާއިރު ކޮލިފައިންގައި ރާއްޖެ އެންމެ ބޮޑު ތަފާތަކުން ބަލިވެފައިވަނީ ޗައިނާ އަތުންނެވެ. ޗައިނާ އާއި ދެކޮޅަށް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ޗައިނާ އިން ކާމިޔާބުކުރީ 5-0 އިންނެވެ.

މިރޭގެ މެޗާއެކު ރާއްޖެއަށް ކޮލިފައިންގައި ބާކީ ތިންމެޗު އޮތްއިރު މިރޭގެ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ. ސީރިއާ އާއި ދެކޮޅަށް ދުބާއީގައި ކުޅޭ މި މެޗު ވީޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ. މީގެއިތުރުން ކޮލިފައިންގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއްވެސް ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ މެޗެއްވެސް ފެށުމުގެ 30 މިނެޓު ކުރިން މެޗުގެ ޕްރީ ޝޯ ވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ފަސް މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.