އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ބޮންއަޅައި، ކުޑަކުދިންނާއި، އާންމުން ޝަހީދުކޮށް ގެތަކާއި އިމާރާތްތައް ސުންނާފަތި ކުރި ޖަރީމާތައް ތަހްގީގު ކުރަން ޚާއްސަ ކޮމިޝަނެއް އުފައްދަން އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ނެގި ވޯޓުގައި އިންޑިއާއިން ބައިވެރިނުވި މައްސަލަ ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމާލިކީ ކުށްވެރި ކުރައްވައިފިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު މިކަން ކުށްވެރި ކުރެއްވީ، އިންޑިއާގެ ޚަރިޖީ ވަޒީރު އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމާލިކީގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އިސްރާއީލުން ހިންގި އުދުވާނާ ގުޅިގެން އިސްރާއީލު ޒިންމާދާރުކުރުވައި، އަދުލުއިންސާފު ގާއިމްކުރުމާއި، ސުލްހައަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި ބައިވެރިނުވެ އިންޑިއާއިން ފުރުސަތު ނަގާލައިފި ކަމަށެވެ.

ހަނުހުރުމަކީ، ހައްގުތައް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތަށް ހުރަސްއެޅުންފަދަ ކަމެއް ކަމަށްވެސް ފަލަސްތީނުގެ ޚަރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ.

މިއީ، ފަލަސްތީނުގެ ރައްޔިތުންވެސް ހިމެނޭ ގޮތުން ހުރިހާ އެންމެންނަށްވެސް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ބޮންއަޅައި ހިންގި ލާއިންސާނީ ޖަރީމާތަކާއި، ފަލަސްތީނުގެ އެހެން ރަށްތަކުގައި ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތަކާއި، އަދި އިސްރާއީލުގެ އެތެރޭގައި އަރަބި ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ތަހްގީގު ކުރުމަށް ހިއުމަން ރައިޓްސް ކައުންސިލުން ކޮމިޝަނެއް އުފެއްދުމަށް، މިދިޔަ މެއިމަހުގެ 27 ވަނަދުވަހު ޖެނީވާގައި ނެގި ވޯޓުގައި 14 ގައުމަކުން ބައިވެރިއެއް ނުވެއެވެ.

ވޯޓުގައި ބައިވެރިނުވި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން، ފަރަންސޭސިވިލާތް، އިޓަލީ، ޖަޕާން، ނޭޕާލް، ނެދަރލޭންޑްސް، ޕޯލެންޑް އަދި ދެކުނު ކޮރެއާ ހިމެނެއެވެ.

14 ގައުމަކުން ވޯޓުގައި ބައިވެރި ނުވާއިރު، ކޮމިޝަން އުފެއްދުމުގެ ގަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓުދިނެވެ. ގަރާރާ ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި އޮސްޓްރިއާ ހިމެނެއެވެ.

ގަރާރު ފާސްވީ 24 ގައުމަކުން ވޯޓުދިންއިރު، އޭގެތެރޭގައި ޗައިނާ، ޕާކިސްތާން، ބަނގްލަދޭޝް، ރަޝިޔާ ހިމެނެއެވެ.

ކޮމިޝަން އުފެއްދުމުގެ ގަރާރަށް ވޯޓު ނުދިނުމުގެ އިތުރުން، ހިއުމަން ރައިޓްސް ކައުންސިލްގެ ޖަލްސާއަށް އިންޑިއާއިން އިއްވި ބަޔާނުގައި ފަލަސްތީނު ރައްޔިތުންނާމެދު އިންޑިއާއިން ކުރިން ގެންގުޅެމުން އައި މަގާމު ބަދަލުކޮށް ބަސްމަގުވެސް ބަދަލުކޮށްފައި ވެއެވެ.

އެގޮތުން، ފަލަސްތީނު ރައްޔިތުންނަށް އިންސާފު ލިބިދޭންޖެހޭ ކަމަށް އިންޑިއާއިން ކުރިން ބުނަމުން އައި އިބާރާތް އުނިކޮށް، ވަރަށް ބޮޑަށް އިސްރާއީލު ކޮޅަށްޖެހި ވާހަކަ ދައްކާފައި ވެއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމާލިކީ އިންޑިއާގެ ޚާރިޖީ ވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ހިއުމަން ރައިޓްސް ކައުންސިލްގައި އިންޑިއާއިން ކަންތައް ކުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަމާ ހިތާމަކުރާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.