ފަލަޞްޠީނުގެ ޣައްޒާ ޝަހަރަށް އިޒުރޭލުން ޙަމަލާތައްދޭންފެށީ މޭމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ އިޒުރޭލުން ފަލަޞްޠީނުގެ ރައްޔިތުން ބިރުވެރިކަމުގައި ބޭތިއްބުމަށް ތަކުރާރުކޮށް ދެމުންގެންދާ ޙަމަލާތަކެކެވެ.

މިފަދަ އެއް ޙަމަލާއެއް ކުރިމަތިވެގެންދިޔަ ޣައްޒާ ޝަހަރުގެ 4 ޖީލުގެ ދަރިފަސްކޮޅެއްގެ ވާހަކައަކީ ހިތާމަވެރި ވާހަކަތަކެކެވެ. އެއީ އަލް ކައުލާކު ޢާއިލާއެވެ. ޣައްޒާ ޝަހަރުގެ އެންމެ ހިތްގައިމު ހިސާބުގައި އަވަށްޓެރީންގެ ގޮތުގައި ޖެހިޖެހިގެން ހުރި އެޕާރޓްމަންޓު ނުވަތަ އިމާރާތްތަކެއްގައި ދިރިއުޅެމުންދިޔަ މި ޢާއިލާތިބީ މުޅި ދިރިއުޅުން އިންދިރާސްވެގެން ހިނގައިދާނެކަމުގެ އެއްވެސް ވިސްނުމެއް ނެތިއެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ ފަލަޞްޠީނުގެ އެހެނިހެން ރައްޔިތުންނެކޭ އެއްގޮތަށް ބިރާއި ރުއިމާއި ކެކުޅުންތަކުގެ ވޭނުގައި މުސްތަޤުބަލްވެސް ގެއްލިގެންދިޔަތަނެވެ. ޙަމާސްއާއި ދެކޮޅަށް ކަމަށްބުނެ އިޒުރޭލުން މޭމަހުގެ 10 ވަނަ ދުވަހު ފަލަޞްޠީނަށް ދިން ބޮމުގެ ޙަމަލާތަކުގައެވެ.

އިޒުރޭލުން ދުނިޔޭގެ މީޑިއާތަކުގައި ތާރީޚު ލިޔުއްވަނީ މިއީ ޙަމާސްއާއި ދެކޮޅަށް ކުރި 4 ވަނަ ހަނގުރާމައިގެ ގޮތުގައެވެ. ނަމަވެސް އިޒުރޭލުގެ ޙަމަލާތަކާއި ބޮންތަކުގެ ގޮވުންތަކުގެ ބާރު ކުރިން އިޒުރޭލުން ދިން ޙަމަލާތަކަށްވުރެ ބާރުގަދައެވެ. މި ޙަމަލާތައް ފެށުމުގެ ކުރީންނާއި އޭގެ ފަހުންވެސް ރޭގަނޑުގެ ވަގުތުތަކުގައި ބެލެނިވެރީންނާއި މައިންބަފައިން އެމީހުންގެ ކުދި އަދި ޅަދަރީންނާއި އެކު ނިދަނީވެސް އެއް ކޮޓަރިއެއްގައެވެ. އެއީ އެމީހުން ދިރި ތިބޭނިވެސް އަދި މަރުވެދާނީވެސް އެކުއެކީގައި ކަމަށް ދެކިގެންނެވެ.

އަތްމަތި ތަނަވަސް އެވްރެޖް ދިރިއުޅުމަކަށްވުރެ ފާގަތި ކަމުގައި އުޅޭ މީހުންގެ މެދުގައި ދިރިއުޅެމުންދިޔަ މި ޢާއިލާއަކީވެސް ވަށައިގެން ބަރި ޖަހައިފައިވާ އިމާރާތްތަކުގެ ތެރޭގައި އުޅެމުންދިޔަ ޢާއިލާއެކެވެ. އިޒުރޭލުން ހިފައިފައިވާ ފަލަޞްޠީނުގެ ބިމުގައި އިންޖަހައިގެން ތިބި ހިސާބަށްވުރެ ދުރުގައި މި އެޕާރޓްމަންޓު އިމާރާތްތައް ހުރުމުން އެތަނަކީ ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އޮތް ހިސާބެއް ކަމަށް ބެލެވުނު ތަނެކެވެ. ނަމަވެސް މިއަދި މިތަނަކީ އިޒުރޭލުގެ އެންމެ ފަހުގެ ޙަމަލާތަކާއި އޭގެ ކުރީން ދީފައިވާ ޙަމަލާތަކުގައިވެސް ވީރާނާވެގެން ގޮސްފައިވާ ތަނެކެވެ.

އެހެން ނަމަވެސް އެންމެ ރެއަކުން ކުރިމަތިވި ވީރާނާކަމަކީ ގެއްލުމާއި ހަލާކުން ފުރިގެންވީ ހިނދުކޮޅެކެވެ. ޢައްޒާމުލް ކައުލާކުގެ 4 ދަރީން ނިދަން ވެއްދުމަށްފަހު ޢައްޒާމުގެ ދެމަފިރީންވެސް ނިދަން ތައްޔާރުވަމުން ދިޔަ ވަގުތެވެ. އެންމެން އެއް ކޮޓަރިއެއްގައެވެ. ނަމަވެސް އެރޭގެ މެންދަމުގެ އެކެއް ޖެހިއިރު އަރައިގެންދިޔަ ގަދަފަދަ އަޑާއި އެކު ޢައްޒާމު ދިރިއުޅެމުންދިޔަ އެ އިމާރާތުގެ އެންމެމަތީ ފަންގިފިލާ ހެލިގަތީއެވެ. އަދި އެއާއި އެކު ދެވަނަ ހެލުމަކާއި ތިންވަނަ ގުޑުން ޢައްޒާމުގެ ފައިގެ ދަށުން ބިންގަނޑު ދަމައިގަތްފަދައެވެ. އެޕާރޓްމަންޓުގެ ފަންގިފިލާ ފައިދަށުން ކަނޑަކަނޑައިގެން ދިޔައީއެވެ. ޢުމުރުން 42 އަހަރުގެ އިންޖިނޭރެއް ކަމުގައިވާ ޢައްޒާމު ކިޔައިދިން ގޮތުގައި އެ ގުޑުމާއިއެކު ފަންގިފިލާ ކަނޑަކަނޑައިގެން ގޮސް ފަރުނީޗަރުތައްވެސް އެކަތި އަނެކައްޗާއި ޖެހި މުޑިއަރައިގެން ދިޔައީއެވެ. ބައެއް ފަރުނީޗަރު ގޮސް ފާރުގައި ޖެހި ފުނޑުފުނޑުވީއެވެ.

4 ފަންގިފިލާގެ މައްޗަށް އެކުލެވޭ މި އިމާރާތް ފުނޑުފުނޑުވެގެން ފޭބިއިރު ޢައްޒާމުގެ އެޕާރޓްމަންޓު އައިސް ބިމާއި ހަމައަށް ތިރިވިއެވެ. ޢައްޒާމުގެ ޢާއިލާ ނިކުތީ އެ އެޕާރޓްމަންޓުގެ ބަދިގޭ ބެލްކަނީންނެވެ. އެއިރު އެ އެޕާރޓްމަންޓު އައިސް ހުރީ ބިންމަތީގައި ޖެހިފައެވެ. ނަމަވެސް އަޖައިބު ގޮތަކަށް ބެލްކަނީގައި ރޯނެއްގައި ހިއްކަން އަޅައިފައިވާ އަންނައުނުތައްހުރީ ހުރި ގޮތަށެވެ. ރޯނު ކަނޑައިގެން ނުގޮސް އަންނައުނުތައް އެޅުވި ގޮތަށެވެ.

އެ ބިރުވެރިކަން ހުރި މިންވަރު ދެނެގަތުމަށް އެއްދުވަސްނެގިއެވެ. މަރުވެފައިވާ ހަށިތަކާއި އިމާރާތުގެ ދަށުގައި ޒަޚަމްވެފައިވާ މީހުންތައް ސަލާމަތްކުރަން އުޅުނު އިރުއެވެ. ވެއްޓި ފުނޑުފުނޑުވެފައިވާ އިމާރާތުގެ ކޮންކުރީޓް ބުރިތައް ނަގައި މީހުން ސަލާމަތް ކުރުމަށްޓަކައި ޢައްޒާމުގެ ޢައިލާއާއި އަވަށްޓެރީން ބޭނުންކުރަން ޖެހުނީ ވަލެވެ. އެއީވެސް މީހުން ސަލާމަތްކުރާ ޓީމުތަކާއި އެކު އެމީހުންގެ އަތުގައިވެސް އެކަށީގެންވާ ސާމާނާއި އާލާތް ނެތުމުންނެވެ.

އެދުވަހުގެ އިރު އޮއްސުމާއި ހިސާބަށް ނެރެވުނު ޝަހީދުވެފަިއވާ ހަށިތަކުގެ ޢަދަދު 22 އަށް އަރައެވެ. ޢައްޒާމު ދިރިއުޅުނު އިމާރާތުގެ ދަށުންވެސް 8 ހަށިގަނޑު ނެރެން ޖެހުނެވެ. އަދި ބިމާހަމަވި އަނެއް އިމާރާތުގެ ދަށުން 14 ހަށިގަނޑު ނެރެން ޖެހުނެވެ. އޭގެ ތެރޭގައި ޢާއިލާގެ އެންމެ އިސްމަޤާމުގައި ހުރި 89 އަހަރުގެ އަމީން އާއި އޭނާގެ 62 އަހަރުގެ ފިރިހެން ދަރިފުޅު ފަވާޒް އަދި 28 އަހަރުގެ ކާފަދަރިފުޅު ސާމިޙާއި 6 މަހުގެ މުނިކާފަ ދަރިފުޅު ޤުޞައްޔު ހިމެނެއެވެ.

އޭގެ އެއްދުވަސްކުރީން ޤުޞައްޔުގެ މައިންބަފައިން އެ ތުއްތު ކުއްޖާގެ ފުރަތަމަ ދަތްފެނުމުން އެކަން ފާހަގަކުރުމަށް ކުޑަ ޙަފްލާއެއް ބޭއްވިއެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހު އެ ތުއްތު ކުއްޖާއާއި ޢައްޒާމުގެ ދެ ކޮއްކޮ ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި އޭނާއަށް ބޮޑުބޭބެކިޔާ 5 އަހަރުގެ ރައުލާއާއި 10 އަހަރުގެ ޔާރާ އަދި 12 އަހަރުގެ ޙާލާ މެންގެ ތިންބެއިންގެ ހަށިތައް ތިބީ ބޮނޑިވެގެންނެވެ. އެ ހަށިތަކަކީ އިމާރާތްތަކުގެ ދަށުން އެންމެފަހުން ނެރެވުނު ހަށިތައް ކަމަށް ޢައްޒާމުގެ ބޭބެ ޢަވްނީ ބުންޏެވެ.

އިޒުރޭލުން ޙަމަލާދިނީ އަލް ވަޙުދާ މަގުގައިހުރި އިމާރާތްތަކަށެވެ. އެ ބޮމުގެ ޙަމަލާގައި އެތައް ޢާއިލާއެއް ނެތިގެން ދިއުމަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. ތިން އިމާރާތް ބިމާ ހަމަކޮށްލި މިޙަމަލާގައި 43 މީހުން ޝަހީދުވިއެވެ. މިއީ އިޒުރޭލުން ދިން 11 ދުވަހުގެ ވައިގެ ޙަމަލާތަކުގައި އެއްފަހަރާ އެންމެ ގިނަބަޔަކު ޝަހީދުވެގެންދިޔަ ދުވަހެވެ.

އިޒުރޭލުން ބުނީ އެ ޙަމަލާތައް އަމާޒުކުރީ އެ މަގުގެ އަޑީން ޙަމާސްއިން ހަދާފައިވާ ބިންގަރާސް މަގަށް ކަމުގައެވެ. އިޒުރޭލުން ބުނީ އެއީ 350 ކިލޯ މީޓަރުގެ މަގުތަކުގެ ވިއުގައެއްގެ ބައެއް ކަމުގައެވެ. އަދި އެއީ އިޒުރޭލަށް ޙަމަލާދިނުމަށާއި ޙަމާސްގެ މުޖާހިދުން ފިލައިތިބޭ ދިފާޢަށް ބޭނުންކުރާ ބިންގަރާސް މަގުތަކެއް ކަމަށް އިޒުރޭލުގެ ޢަސްކަރީ އޮފިޝަލުން ބުނެއެވެ. އަދި ޙަމާސްއިން އިންސާނުން އައްޑަނައަށް ހަދައިގެން އުޅެނީ ކަމަށްބުނެ މީޑިއާތަކުންވެސް އެވާހަކަ ދައްކުވަނީ އެގޮތަށެވެ.

އިޒުރޭލުގެ ޢަސްކަރީ ތަރުޖަމާނު ލެފްޓިނެންޓު ކާނަލް ޖޮނަތަން ކޮންރިކަސް ހަނގުރާމައިގެ ޙާލަތު ކިޔައިދޭން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ބުނީ ޣައްޒާގެ އައްސޭރިއަށް އޮންނަ ރިމާލަށްދިން ޢަސްކަރީ ހަމަލާއެއް ކަސިޔާރުވި ކަމަށެވެ. އެ ޙަމަލާގައި އެތައް ގެއަކާއި އިމާރާތްތަކާއި އެފަދަ އެތައް ތަނެއް ހަލާކުވި ކަމުގައެވެ. އަދި މަދަނީންނަށް އަމާޒު ނުކުރި ނަމަވެސް އެ ޙަމަލާގައި އެތައް މަދަނީންނެއް ޝަހީދުވި ކަމުގައެވެ. އެއީ ޤަޞްދުގައި ކުރިކަމެއް ނޫންކަމަށް ބުނެފައިވަނީ އިޒުރޭލުން އަބަދުވެސް އެފަދަ ކޮންމެ ޙަމަލާއަކަށްފަހު ވާހަކަ ދައްކަ ބީދައިންނެވެ.

ކޮންރިކަސް ބުނީ އެ ޙާދިސާގެ ތަފްޞީލުތައް ހޯދަމުންދާ ކަމުގައެވެ. އަދި އެފަދަ ޙަމަލާއެއް މުސްތަޤުބަލުގައި ދޭނެ ގޮތާއި ބޭނުންކުރާނެ ގޮތުގެ ދިރާސާތަކަށް އިޞްލާހު ގެންނަމުންދާ ކަމުގައެވެ. އެއީ އެފަދަ ޙާދިސާއެއް ހިނގިޔަ ނުދިނުމަށް ކަމަށް ބުނި ނަމަވެސް އިޒުރޭލުން ޢާންމުނަށް އަމާޒުކޮށް ޙަމަލާ ނުދޭ އެންމެ ފަހަރެއްވެސް ނުވެއެވެ. އަދި އެޙަމަލާގައި ބޭނުންކުރި ހަތިޔާރާއި ގޮވާ ތަކެއްޗަކީ ހިސާބު ހަދައިގެން ވަކި ފެންވަރެއް ބަލައިގެން ބޭނުންކުރި ތަކެތި ނޫން ކަމަށް ބުނެފައިވެއެވެ. އަދި އިޒުރޭލުގެ ޙަމަލާތަކަކީ ކާމިޔާބު ޢަސްކަރީ ޙަމަލާތަކެއް ކަމަށް ދެއްކުމުގެ ގޮތުންނާއި ޙަމާސްއަށްދޭ ޙަމަލާތަކެއް ކަމަށް ދޭހަކޮށްދިނުމުގެ ގޮތުން ބުނެފަިއވަނީ އާބާދީބައިބޯ އެތައް ތަނަކަށް އެތައް ބައިވަރު ޙަމަލާ އިޒުރޭލުން ދީފައިވާ ކަމުގައެވެ. ނަމަވެސް މަދަނީން ޝަހީދުވި މިންވަރު ވަރަށް މަދުކަމުގައެވެ.

އިޒުރޭލުގެ ދިފާޢީ ވަޒީރު ބެނީ ގާންޒް މިހަފްތާގައި ބޭރުގެ ނޫސްވެރީންނާ ބައްދަލުކޮށް، ފަލަޞްޠީނަށް ޙަމަލާ ދިނުމަކީ އެމީހުނާއި މަތިކޮށްފައިވާ ވާޖިބެއްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކައިފައިވެއެވެ. އެގޮތުން އިޒުރޭލުން ދޭ ޙަމަލާތަކުގައި މަދަނީން މަރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނެކަމަށް ބުނެއެވެ. އެހެން ނަމަވެސް ޣައްޒާގެ އާބާދީ ބޮޑު އަވަށްތަކާއި އަދި ތަރައްޤީވަމުން އަންނަ ހިސާބުތައް އޮންނަ ގޮތުން މަދަނީންގެ ފުރާނަ ދުއްވައިނުލައި ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނެއެވެ. މިއީ ހަނގުރާމައިގެ ޖަރީމާތައް އިޒުރޭލުން ހިންގާކަމުގެ ފުރިހަމަ ހެއްކެކެވެ. ނަމަވެސް ޙަމާސް ކުށްވެރިކޮށް އެއީވެސް ޙަމާސްގެ ބޭނުމެއް ކަމަށްބުނެއެވެ. އަދި ޙަމާސްގެ އެދުމަކީ ޤަޞްދުގައި ފަލަޞްޠީނުގެ މަދަނީންނަށް ޙަމަލާދިނުން ކަމަށާ އިޒުރޭލުން އެކަން އެގޮތަށް ނުހިނގައިވޭތޯ ބަލާކަމަށް ދިފާޢީވަޒީރު ބުނެފައިވެއެވެ.

އިޒުރޭލުން ޣައްޒާއަށް ހަމަލާދޭންފެށީ މޭމަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އިޒުރޭލު ސިފައިން މަސްޖިދުލް ޢަޤްޞާގެ ޙަރިއްމަ ތެރެއަށް ހަތިޔާރާއިއެކު ވަދެ ފަލަޞްޠީނުގެ ރައްޔިތުންނަށް އަނިޔާވެރިކަން ދައްކަން ފެށުމުން ޙަމާސްއިން ދިފާޢުގައި ދިން ޙަމަލާތަކަކާއި ގުޅިގެންނެވެ. އަދި ބައިތުލް މަޤުދިސްގައި އާބާދުކޮށްފައިވާ ޔަހޫދީން، ފަލަޞްޠީނުގެ ޢާއިލާތައް އެތަނުން ބޭރުކުރާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ޙަމާސްއިން އިޒުރޭލަށް ދިން ރޮކެޓު ޙަމަލާތަކާއި ގުޅިގެންނެވެ. މި ދިފާޢީ ރައްދުގައި ޙަމާސްއިން އިޒުރޭލު ތެރެއަށް 4 ހާހަށްވުރެ ގޮނަ ރޮކެޓު ފޮނުވައިލި ކަމަށް އިޒުރޭލުން ބުނެއެވެ. އަދި އެ ރޮކެޓުތަކަށް ރައްދު ދިނުމުގެ ގޮތުން ޣައްޒާގައި ދިރިއުޅޭ ޙަމާސްއާއި ގުޅިފައިވާ މުޖާހިދުންނަށް އިޒުރޭލުން ޙަމަލާ ދިނީ ކަމަށް ބުނެފައިި ވެއެވެ.

ޣައްޒާގެ ފުލުހުންގެ މައި އިދާރާގެ ކެޕްޓަން މުޙައްމަދު މިޤުދާދު ވިދާޅުވީ އިޒުރޭލުން ދިން ހަމަލާގައި ބޭނުންކުރި ހަތިޔާރުތަކުގެ އެތިކޮޅުތަކެއް ދިރާސާ ކުރެއްވި ކަމުގައެވެ. އަދި ނޫސްވރީންނަށް ދެއްކެވުމަށްޓަކައި ފޮށްޓެއްގައި ހުރި ބޮމުގެ އެތިކޮޅުތަކެއް އޭނާވަނީ ދައްކަވައިފައެވެ. އެ ފޮށި ލޭބަލް ކޮށްފައިވަނީ އަލް ވަޙުދާގެ ނަމުގައެވެ.

މި ފޮށީގެ ތެރެއިން ނެގި ދެ އެތިކޮޅެއްގައި އިން ސީރިއަލް ނަމްބަރު ފެންނަން ހުއްޓެވެ. އަދި އެ ސީރިއަލް ނަމްބަރުން ސާފުވީ އެއީ ބޯއިންގ ކުންފުނިން އުފައްދާފައިވާ ޖޮއިންޓް ޑައިރެކްޓް އެޓެކް މުނިޝަން ކިޓް ކަމުގައެވެ. މިއީ އެމެރިކާގެ މިސޫރީގައި ހުންނަ އެ ކުންފުނީގެ ސެއިންޓް ޗާރލްސް ގޮފިން އުފައްދާ ސްމާރޓް ބޮން ނަމަކަށް ކިޔާ ބާވަތެކެވެ. މިއީ ޖީޕީއެސް ނުވަތަ ލޭޒަރގެ އެހީގައި ބޭނުން ތަނަކަށް އަމާޒު ހިފައިގެން ދަތުރުކޮށް ޙަމަލާދޭ ވައްތަރުގެ އެއްޗެކެވެ.

އެސޯސިއޭޓަޑް ޕްރެސްއިން ބުނެފައިވަނީ އެމީހުން މަސައްކަތްކޮށްވެސް ބޯއިންގ ކުންފުނިން ބޮމާއިބެހޭ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނެވެ. ހަމަ އެކަނި ބުނިހާވެސް އެއްޗަކީ އެމެރިކާގެ ޤާނޫނުގެ ދަށުން އެމެރިކާ ސަރުކާރުން ހުއްދަކޮށްގެން އެކްސްޕޯރޓްކުރާ ދިފާޢީ ހުރިހާ އެއްޗެއް ވަރަށް ހަރުދަނާ ކަމާއިއެކު ބަލަހައްޓާ ކަމުގައެވެ.

މި ޤުދާދު ވިދާޅުވީ ބޮމުގެ އެތިކޮޅުތަކަކީ އަލް ކައުލާކު ގެތަކަށް ދިން ބޮމުގެ އެތިކޮޅުތަކެއް ކަމަށް އެއިން ހާމަވާ ކަމުގައެވެ. އަދި އެއީ ޖީބީޔޫ-31 ކަމަށާ އޭގައި 430 ކިލޯގްރާމުގެ އެންމެ ބާރުގަދަ ގޮވާތަކެތި ހުރިކަމަށް އެއިން ދައްކާ ކަމުގައެވެ. މިބާވަތުގެ ޖީބީޔޫ 31އަކީ ޢާންމު ގޮތެއްގައި ބޮޑެތި އިމާރާތްތައް ފުނޑު ފުނޑުކުރަން ބޭނުންކުރާ އެއްޗެއްކަމަށާ އެއީ ބައެއްފަހަރު ބިންގަރާސްވެސް ހަލާކުކުރަން ބޭނުންކުރާ އެއްޗެއްކަމުގައި ހަތިޔާރާއިބެހޭ ތަޙުޤީޤުކުރާ އާރމަމެންޓް ރިސާރޗް ސާރވިސަސްގެ ޑިރެކްޓަރ އެންއާރު ޖެންޒަން ޖޯންސްއާއި ޙަވާލާދީ އެސޯސިއޭޓަޑް ޕްރެސްއިން ބުނެއެވެ.

އޭނާ ވިދާޅުވީ އެ ބޮމުން ދޭ ޙަމަލާއަކީ ވަރަށް ބާރުގަދަ ގޮއްވުމަކަށް ބަލައިގެން ވައްޓައިލާ އެއްޗެއް ކަމުގައެވެ. އަދި އޭގެ މާނައަކީ ސަރަޙައްދުބަަލައި ދިރާސާކޮށް ޖާސޫސީ މަޢުލޫމާތު ހޯދައި ކުރިއަށް ރާވައި ބޭނުންކުރާނެ ބާވަތް ބަލައި ގޮވާނެ މިންވަރާއި ބާރުވެސް ބެލުމަށްފަހު ވަރަށް ފަރުވާ ބަހައްޓައިގެން ޙަމަލާދޭން ބޭނުންކުރާ އެއްޗެއް ކަމުގައެވެ. އަދި ބޮން އަޅައިގެން ބާރުގަދަ ގޮވުމާއި އެކު ބޮޑު ހިސާބަކަށް އޭގެ ގެއްލުން ވާނަމަ މީހުން އާބާދު ހިސާބަކަށް އެފަދަ އެއްޗެއްގެ ޙަމަލާދޭންވާނީ ޤާނޫނީ ހަމަތަކުގެ މަތީން ހޭބުއްދި ފުރިހަމައަށް ހޭލައި ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެސޯސިއޭޓަޑް ޕްރެސްއިން ބުނެފައިވަނީ އަލް ވަޙުދާ މަގަށްއެޅީ ކޮންކަހަލަ ބޮމެއްތޯ ސުވާލުކުރުމުން އިޒުރޭލުން ދިނީ ބީރު ކަންފަތެއް ކަމުގައެވެ.

މިއަހަރުގެ ކުރީކޮޅު ބައިނަލްއަޤުވާމީ ޖަރީމާތައް ބަލާ ކޯޓުން އިޒުރޭލާއި ހަމާސްއިން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމަށް ތަޙުޤީޤެއް ފަށައިފައިވެއެވެ. މިތަޙުޤީޤު 2014 ވަނަ އަހަރުގެ ކުރިއަށްވެސް ބަލާނެކަމަށް ބުނެފައިވެއެވެ. އެހެންވީމާ ޙަމާސްއިން އިޒުރޭލަށް ރޮކެޓު ޙަމަލާ ދިނުންވެސް ހިމެނޭނެއެވެ. އަދި މިއީ ޙަމާސްއިން ހަނގުރާމައިގެ އުޞޫލުތަކާއި ޚިލާފަށް ކުރާ ކަމެއްކަމަށް ހުޅަނގުގެ މީޑިއާތަކުން ދެކޭއިރު އިޒުރޭލުގެ ޢުދުވާނަކީ އެފަދަ ކަމެއްކަމަށް ސާބިތުކޮށްދޭންވެސް މިހާތަނަށް އެއްވެސް ބަޔަކު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އިޒުރޭލުގެ ޢުދުވާނީ ފަރިތަކުރުން ތަކުގެ އެންމެ އިސްކަމަކަށް ހަދަނީ މުޖާހިދުންނާއި ހަނގުރާމަވެރީން ހޯދުމުގެ ނަމުގައި ޢާއިލާތައް ފަނާކޮށްލުމަށްޓަކައި އެމީހުން ދިރިއުޅޭ އުސް އިމާރާތްތަށް އިންދިރާސް ކުރުމެވެ. އެއީ ޢާއިލާތައް އެކީގައި ދިރިއުޅެނީ މިފަދަ އިމާރާތްތަކުގައި ކަމަށްވާތީއެވެ.

ޣައްޒާގައި ޙަރަކާތްތެރިވާ އަލް މީޒާނާއި ޕެލަސްތީނިއަން ސެންޓަރ ފޯރ ހިއުމަން ރައިޓްސް ގުރޫޕުން ވަނީ އިޒުރޭލުގެ އެތައް އަހަރެއްގެ ޢުދުވާނީ ޙަމަލާތަކުގެ ތަފްޞީލުތައް ލިޔުމަށްގެނެސް ހެކިތަކާއި އެކު ރައްކާކޮށްފައެވެ. އަދި މިފަހަރު އިޒުރޭލުގެ ޙަމަލާއިން ސަލާމަތްވި މީހުނާއި އިންޓަރވިއުކޮށް ހޮސްޕިޓަލުތަކާއި ތަންތަނަށް ޒިޔާރަތްކޮށް ފޮޓޯނަގައި އަދި ޝަހީދުވި މީހުންގެ މަރު ފޯމުތަކުގެ ކޮޕީ ހޯދައި އެތަކެތި ފައިލްށްފައެވެ. އެއީ ފުރުޞަތު ލިބިއްޖެނަމަ އަނެއްކާވެސް ބައިނަލްއަޤުވާމީ ޖަރީމާތަކުގެ ޝަރީޢަތް ހިންގާ ކޯޓާއި ހިސާބަށް ދިއުމަށެވެ.

އަލް މީޒާނުގެ މުޙައްދު ޒަކުވަތާއި ޕީސީއެޗްއާރުގެ މުޙައްމަދު އަލް ޢާލަމީ ވިދާޅުވި ގޮތުގައި އެބޭފުޅުން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އަލްވަޙުދާ މަގަށް އިޒުރޭލުން ދިން ބޮމުގެ ޙަމަލާތަކާއި އެހެން ހިސާބުތަކަށްދިން ލޭއޮހުރުވަނިވި ޙަމަލާތަކަކީ ހަނގުރާމައިގެ ޤާނޫނުތަކާއި ޚިލާފަށްދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. އަދި ޢަސްކަރީ އަމާޒެއްގެ ވަޒަންކަމަށް ބަލައިފައި ޙަމަލާ ދިނީ ޢާންމުންގެ ލޭއޮހުރުވާލުމަށްޓަކައި ކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.

ޒަކުވަތު ވިދާޅުވީ އިޒުރޭލުން ޙާލަތާއި ނުބައްދަލު އަދި ނަހަމަ ގޮތުގައި ބޮމުގެ ޙަމަލާތައްދެނީ ޤަޞްދުގައި ބިރުވެރިކަންވެސް އުފެއްދުމަށް ކަމުގައެވެ. އަދި އެއީ ހަނގުރާމައިގެ ސީދާ އެއް ލަނޑުދަނޑި ކަމުގައެވެ.

އިޒުރޭލަކީ އދ. ން އެކުލަވައިލައިފައިވާ ބައިނަލްއަޤުވާމީ ޖަރީމާތަކުގެ ޝަރީޢަތް ހިންގާ ކޯޓު ޤަބޫލުކުރާ ޤައުމެއް ނޫނެވެ. އެހެން ނަމަވެސް އެ ކޯޓުގެ ވަކީލުންވަނީ އިޒުރޭލުގެ ވައިގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ މިންގނަޑުތަކުން ދީފައިވާ ޙަމަލާތަކެއް ކަމަށް ކަނޑައަޅައިދީފައި ކަމުގައެވެ. އަދި އިޒުރޭލުން ކުރާ ނުބައި ޢަމަލުތައް ފޮރުވައި، އަދި ދެއްކުމުގެ ގޮތުން ކުޑަކުދީން ތިބި ކަމަށް ދައްކާ ތަނަކަށް ބޮން ނާޅައި ވައިގެ ބާރުތައް އެތަނުން ދުރަށް ދިއުމަށް އަމުރުކުރާ ވީޑިއޯއެއްވަނީ ދައްކައިފައެވެ. ނަމަވެސް ގިނަ ފަހަރު އިޒުރޭލުން ކުރާ ކަމަކީ ބޮން އެޅުމުގެ އިރުކޮޅެއްކުރީން އެހިސާބަކުން އެންމެން ގެދޮރު ދޫކޮށް ދިއުމަށް އެންގުމެވެ.

ހަނގުރާމައިގެ ޤާނޫނުތަކާއިބެހޭ ބައިނަލްއަޤުވާމީ ޕްރޮފެސަރެއްކަމަށްވާ ޕައޮލާ ގައޭޓާ، ޣައްޒާއަށް އިޒުރޭލުން ދިން ޙަމަލާތަކުގައި ޝަހީދުވި މީހުނަށް އިޝާރާތް ކުރައްވައި ވިދާޅުވީ ހަމަ ޔަޤީނުންވެސް ރަނގަޅުނޫން ކަންތައްތަކެއް ހިނގަމުންދާކަމުގެ ހެކިތައް ހުރީ ފެންނާށެވެ. އެހެން ނަމަވެސް އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ސާބިތުކުރުން އުނދަގޫވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އޭގެ ތެރޭގައި ނުބައްދަލުގެ ބާރު ބޭނުންކުރިކަން ސާބިތުކޮށް ނުދެވުމާއި ޤަޞްދުގައި މަދަނީންނަށް ހަމަލާދިންކަން ސާބިތުކޮށްނުދެވުން ހިމެނޭ ކަމުގައެވެ.

ޖެނީވާގައި ހުންނަ ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް އެންޑް ޑިވެލޮޕްމަންޓުގައި ކިޔަވައިދެއްވާ މި ލެކްޗަރަރ ވިދާޅުވީ އިޒުރޭލުން އަލް ވަޙުދާ މަގަށް އެޅި ބޮމުގައި ބޭނުންކުރި ގޮވާތަކެތީގެ ބާރުމިނަކީ އޮޅުމަކުން ހެދުނު ހިސާބެއްކަމަށް އެކަށީގެންވާ ސަބަބުތަކެއް ދައްކައިފި ނަމަވެސް އެމީހުންގެ ދިފާޢަކަށް އެވަރު ފުދޭނެ ކަމުގައެވެ.

އިޒުރޭލުން ޣައްޒާއަށްދިން 11 ދުވަހުގެ މި ޙަމަލާގައި 254 މީހުން ޝަހީދުވިއިރު އޭގެ ތެރޭގައި 74 ކުޑަކުދީންނާއި 39 އަންހެނުން ހިމެނޭ ކަމަށް ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފައި ވެއެވެ. ޙަމާސްއިންވެސް އެމީހުންގެ 80 މުޖާހިދުން ޝަހީދުވި ކަމަށް ބުނެއެވެ. އިޒުރޭލުން މަރުވި ކަމަށްބުނަނީ 2 ކުޑަކުދީންނާއި އެކު 12 މަދަނީންނާއި ސިފައިންގެ މީހަކު މަރުވި ކަމުގައެވެ.

ޢައުނީ އަލް ކަވާކުގެ ޢާއިލާއިން ޝަހީދުވި 22 މީހުންގެ މަރުގެ ސެޓްފިކެޓާއި ހަލާކުވި ދެ އިމާރާތުގެ ލިޔުންތައް ހިފައިގެން އިންޞާފު ހޯދޭނެ ގޮތެއްވޭތޯ އޭނާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް 3 ވަނަ އިމާރާތަކަށް ލިބުނު ގެއްލުންތަކުން އެ އިމާރާތް އެއްކޮށް ހަލާކުވާން ވަނީ ކައިރިވެފައެވެ. އެގޮތުން ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި އޭނާގެ ޢައިލީ ވިޔަފާރިއާއި އިންޖީނު މަރާމާތުކުރާ ގަރާޖު ވަނީ ހަލާކުވެފައެވެ. އެހެން ނަމަވެސް އެތާނގައި އަދި ހަލާކު ނުވެހުރި ދެ އިމާރާތް އެބަހުއްޓެވެ.

ފުނޑުފުނޑުވެގެން ވެއްޓި ބިމާހަމަވެފައިވާ އިމާރާތުގެ ޙަރިއްމަ ނުވަތަ އިމާރާތް ހިމެނޭ ގޯތި ތެރޭގައި މާޔޫސްކަމާއި އެކު ހުރީ އިޒުރޭލުން ދިން ޙަމަލާއަކީ އޮޅުމަކުން ކުރެވުނު ލަފައެއްގެ މައްޗަށް ބިނާކޮށް ދިން ޙަމަލާއެއްކަމަށް ބުނުމުންނެވެ. އަދި އެ މަޢުލޫމާތުން އޭނާ ކުރާނެ އެއްވެސް ކަމެއް ނެތްކަމަށް ބުނެއެވެ. އޭނާ ބުނީ އޭނާގެ ކުށެއްނެތް އެއްބަނޑު އެއްބަފާ މީހުނާއި އެމީހުންގެ ދަރީން ޝަހީދުކޮށްލައި މި ދުނިޔެއިން އެމީހުން އޭނާއާއި ވަކިކޮށްލައިފި ކަމުގައެވެ.

މި ޙާދިސާތަކާއި އިޒުރޭލުގެ އުދުވާނީ ޙަމަލާތަކުގެ ޝިކާރައަކަށްވެފައިވާ މީހުނާއި އޭނާގެ ޢައިލާއަށް އިންޞާފު ލިބޭނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުން އެ ގެއްލުންތަކާއި ކުރިމަތިލާނޭ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާވަނީ ޣައްޒާއާއި ޣައްޒާގެ މައްސަލަތަކާއިމެދު ކަންބޮޑުވެފައެވެ. އޭގެ ތެރޭގައި އިޒުރޭލުން ޣައްޒާ ބަންދުކޮށްފައި އޮތުމާއި މިޞްރުންވެސް ޣައްޒާއަށް ވަދެ ނިކުމެވެން އޮންނަ މަގުތައް ބަނދު ކުރުމުގެ ހިތްދަތިކަން ރައްޔިތުންވަނީ އިޙުސާސްކުރަން ޖެހިފައެވެ.

މި ހުރަސްތައް އަޅައި ޣައްޒާ ބަންދުކޮށްފައިވަނީ 2007 ވަނަ އަހަރު ހަމާސްއިން ޣައްޒާ ކޮންޓްރޯލްކުރަން ފެށި ހިސާބުންނެވެ. އެހެން ނަމަވެސް އެމީހުންގެ އުއްމީދަކީ އެ ހުރަސްތައް ނެތިގެން ދިއުމެވެ.

އަލް ކައުލާކު ބުނި ގޮތުގައި މި ވަގުތަށް ދުނިޔެއިން ހަމްދަރުދީ ދައްކަމުން ގެންދާ ކަމުގައެވެ. ނަމަވެސް އިސާހިތަކު އެކަން ހަނދާން ނައްތައިލާނެ ކަމުގައެވެ. އަދި ދުނިޔެއިން އެމީހުންގެ މަތީން ހަނދާކޮށްލި ނަމަވެސް ހަނދާން ކޮށްލާނީވެސް ޢަދަދެއްގެ ގޮތުގައި ކަމުގައެވެ.