ޓޫރިޒަމް ގޯލްޑަން ޖުބިލީ ސްޓިއަރިންގ ކޮމިޓީ އެކުލަވާލައިފިއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރުން ކުލަގަދަކޮަށް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށް އެކުލަވާލި ކޮމިޓީއެކެވެ.

ސްޓިއަރިންގ ކޮމިޓީގެ މައިގަނޑު މަގުސަދަކީ އެހަރަކާތްތައް ވިލަރެސް ކުރުމާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިފައިވާ އެހެންފަރާތްތަކުގެ ބައިވެރިވުން އޮންނަގޮތަށް ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކުގައި ތަފާތު ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ގޯލްޑަން ޖުބިލީ ފާހަގަކުރުމަށް ކުރިއަށްގެންދަން ގަސްދުކުރާ އެކްޓިވިޓީ ކަލަންޑަރާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ގޯލްޑަން ޖުބިލީގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި އިންތިޒާމުތަކާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައި ވެއެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާތަކުގެ މަޝްވަރާއާއެކު އެކުލަވާލި މިކޮމިޓީގައި 11 މެމްބަރުން ހިމެނެއެވެ.

އޭގެތެރޭގައި ޓޫރިޒަމް މިނިސްޓްރީ ޗެއަރ ކުރާއިރު، ދެން ހިމެނެނީ އެމްއެމްޕީއާރްސީ، މަޓީ، ގެސްޓްހައުސް އެސީސިއޭޝަން، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންއެެވެ.

މީގެއިތުރުން މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓަރސް، މިއުޒިޝަން ޔޫނިއަން، ޗެފްސް ގިލްޑް އޮފް މޯލްޑިވްސް، ހެރިޓޭޖު މިނިސްޓްރީ ވެސް ހިމެނެއެވެ. އަދި ޔޫތް އެންޑް ސްޕޯޓްސް، ހޯމް އެފެއަރޒުގެ މެމްބަރުން ވެސް މިކޮމިޓީގައި ހިމެނެއެވެ.

"ޓޫރިޒަމް ގޯލްޑަން ޖުބިލީ ސްޓިއަރިންގ ކޮމިޓީ" ގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓްރީގައެވެ.

ޓޫރިޒަމް ގޯލްޑަން ޖުބްލީއަށް ތައްޔާރުވުމަށް ހާއްސަ ޓާސްކްފޯހެއްވެސް މިހާރުވަނީ ޓޫރިޒަމް މިނިސްޓްރީގައި އެކުލަވާލާފައެވެ.