ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އާއި ސީރިއާ ބައްދަލުކުރި ދެވަނަ ލެގުން ފަސޭހަ ކަމާއެކު ސީރިއާ މޮޅުވެއްޖެއެވެ.

ދުބާއީގެ ޝަރްޖާހް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސީރިއާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެ ގައުމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑަކީ ލިބުނު ޕެނަލްޓީ ތަކަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބިފައިނުވާއިރު މެޗުގައި އެކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި ކުޅެ އެޓޭކްތައް އުފެއްދުމަށް ރާއްޖޭގެ ޓީމަށް ދަތިތަކެއް ކުރިމަތިވިއިރު ޑިފެންސްލައިނުންވެސް ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ.

މީގެއިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަށް ޓީމުގެ ފެންވަރު ވަޒަންކޮށްލުމަށް ރަނގަޅު މެޗުތަކެއް ކުޅުމުގެ ފުރުސަތު މީގެކުރިން ލިބިފައެއްވެސް ނުވެއެވެ.

ފުރަތަމަ ހާފުގައި މޮޅަށްކުޅެ މުޅި ހާފު ޑޮމިނޭޓް ކުރީ ސީރިއާ ޓީމުންނެވެ. އެގޮތުން އެޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އަމާޒުކޮށްފައިވާއިރު ގިނަ ރަނގަޅު ފުރުސަތުތަކެއްވެސް ވަނީ ތަނަވަސްކޮށްފައެވެ

ނަތީޖާއަކަށްވީ މިހާފުގެ ތެރޭގައި އެގައުމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން ސީރިއާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ މަހްމޫދް އަލް މަވާސް އެވެ. މަވާސް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. ސީރިއާ އިން ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔަން އޮސްމަން އެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އޭއެފްސީ

މެޗުގައި ސީރިއާ އިން ޖެހި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް މަވާސް އެވެ. އަދި ސީރިއާގެ ހަތަރު ވަނަ ލަނޑުވެސް ލިބުނު ޕެނަލްޓީއަކުން މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަވާސް އެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ މުޙައްމަދު ސާއިފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މުޅި މެޗުގައިވެސް ރާއްޖެ ޓީމަށް އުފެއްދިފައި ވަނީ އެންމެ ދެ ހަމަލާއެވެ. އެއީ ފުރަތަމަ ހާފުގައި މިޑްފީލްޑަރު މުޙައްމަދު އުމެއިރު ގޯލުގެ ބޭރު ދާގަނޑަށް ފޮނުވާލި ހަމަލާ އަކާއި ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެކެވެ. ހަމްޕު ފޮނުވާލި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ސީރިއާގެ ތަޖުރިބާކާރު ކީޕަރު އިބްރާހިމް އަލްމެހް އެވެ.

ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އޭއެފްސީ

މި މޮޅާއެކު ސީރިއާ އަށް ވަނީ ގްރޫޕް އޭގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެގޮތުން އެޓީމަށް ކުޅުނު 6 މެޗުން 18 ޕޮއިންޓު ލިބިފައިވާއިރު މެޗުން ބަލިވި ރާއްޖެއަށް 6 މެޗުން ލިބެނީ 6 ޕޮއިންޓެވެ. ސީރިއާއަށް ފައިދާ 14 ގޯލު ލިބޭއިރު ރާއްޖެ އަށް ގެއްލުން 8 ގޯލު އެބައޮތެވެ.

ދެވަނައިގައި އޮތް ޗައިނާއަށް ފަސް މެޗުން 10 ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް ފިލިޕީންސަށް ފަސް މެޗުން ލިބެނީ ހަތް ޕޮއިންޓެވެ. އަދި ފުލުގައި އޮތީ ފަސް މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮލިފައިންގައި ރާއްޖެ ދެން މެޗެއް ކުޅޭނީ މި މަހުގެ 11 ވާ ހުކުރު ދުވަހުއެވެ. މި މެޗުގައި ރާއްޖެ ނުކުންނާނީ ތާވަލުގެ ދެވަނައިގައި އޮތް ޗައިނާ އާއި ދެކޮޅަށެވެ. ރާއްޖެ އާއި ޗައިނާ ބައްދަލުކުރި ފުރަތަމަ ލެގުގައި 0-5 އިން ކުރިހޯދާފައިވަނީ ޗައިނާއެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށެވެ.