ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓު ކޮލިފިކޭޝަނުގެ މެޗުތަކަށް ރާއްޖޭގެ ގައުމީ ޓީމުން ކުރިމަތިލާއިރު ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ސީރިއާ އަތުން ބަލިވި މެޗުގެ ސަބަބުން އެއްވެސް ކުޅުންތެރިއަކު ކުށްވެރި ނުކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް، މާޓިން ކޫޕްމަން ބުނެފިއެވެ.

ކޮލިފައިންގައި ސީރިއާ އަތުން 0-4 އިން ރާއްޖެ ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ކޫޕްމަން ބުނީ ބައިވަރު ގޮންޖެހުންތަކަކާއި ގައުމީ ޓީމުން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެންނަމަވެސް މިހުރިހާ ގޮންޖެހުން ތަކެއްގެ ވާހަކަދައްކަން ނެތިން ކަމަށެވެ. އެކަމަކު ދެ ކަމެއް ފާހަގަކުރަން ބޭނުންވާ ކަމަށް ކޫޕްމަން ވަނީ ބުނެފައެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި މެޗުތަކަށް ތައްޔާރުވުމަށް ދަނޑުމަތީގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބުނީ އެންމެ 9 ފަހަރު ކަމަށްވުން ކަމަށެވެ. ކޫޕްމަން މިހެން ބުނެފައިވާއިރު ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ނުބޭއްވުމުގެ ސަބަބުން ޓީމުން ހޮޓެލް ޖެންގައި ކުރަމުންދިޔަ ކޭމްޕުގެ ތެރެއިން އެ ހޮޓަލުގެ ބޯލް ރޫމުގައި ވެސް ފަރިތަކުރުންތައް ބާއްވާފައެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުން ޓީމަށް ދަނޑެއްގައި ފަރިތަކުރުމުގެ ފުރުސަތު ލިބިފައިވަނީ ދުބާއީގައި ކުރަމުންދިޔަ ކޭމްޕުގެ ތެރެއިންނެވެ.

ދެވަނަ ގޮންޖެހުމެއްގެ ގޮތުގައި ކޯޗު ފާހަގަކޮށްފައިވަނި ކޮލިފިކޭޝަން މެޗުތަކުގެ ކުރިން ޓީމަށް ވާދަވެރި މެޗެއް ކުޅެން ނުލިބުމެވެ. އެގޮތުން އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ މީގެ ދޮޅު އަހަރުކުރިންކަން ކޯޗް ވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅިގެން ކޫޕްމަން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިއީ އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ކޫޕްމަން ބުނިގޮތުގައި ހާލަތަށް ބަލާއިރު ރާއްޖެ އާއި ދެކޮޅަށް ކުޅުނު ސީރިއާ ޓީމު އޮތީ މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އެ ގައުމަށް އެކަމުގެ ފައިދާކުރި ކަމަށެވެ. އަދި މެޗުން ބަލިވިނަމަވެސް ޓީމުގެ އެއްވެސް ކުޅުންތެރިއަކު ގޯސްކުރަން ބޭނުންނުވާ ކަމަށާއި މެޗުގައި އެކުޅުންތެރިއެއްގެ އެންމެ ފުރިހަމަ ކުޅުން ހުރިހާ ކުޅުންތެރިންވެސް ދެއްކިކަމަށް ކޫޕްމަން ވަނީ ބުނެފައެވެ.

ސީރިއާ އަތުން ބަލިވެ ރާއްޖެއަށް އޭޝިއަން ކަޕަށް ކޮލިފައިވުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައިވާއިރު މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕް އޭގެ ޕޮއިންޓު ތާވަލުގެ 4 ވަނައިގައެވެ. އޭޝިއަން ކަޕުގެ ޕްލޭއޮފް ޖާގައެއް ހޯދުމަށް ގްރޫޕުގެ ތިންވަނަ ހޯދަން ޖެހެއެވެ. ތާވަލުގެ ތިންވަނައިގައި ފިލިޕީންސް އޮތީ 5 މެޗުން 7 ޕޮއިންޓު ހޯދައިގެންނެވެ.

ރާއްޖެ އަތުން މޮޅުވި ސީރިއާ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 18 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޗައިނާ އޮތީ 5 މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.

ކޮލިފައިންގައި ރާއްޖެ ދެން މެޗެއް ކުޅޭނީ މި މަހުގެ 11 ވާ ހުކުރު ދުވަހު ޗައިނާ އާއި ދެކޮޅަށެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއްވެސް ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.