ކޮންމެ ރައްޔިތަކުވެސް، ދިރިއުޅުމައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކުރުމާއިއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިތާބުގައި ވަނީ ރާއްޖޭގެ އިގްތިޞާދު ބިނާވެފައިވަނީ ގުދުރަތީ މާހައުލަށްކަމުގައި ފާހަގަ ކުރައްވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުންނާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާއަތްތަކުގެ ނަފާ ލިބުމަށާއި، ކުރިމަގުގެ ޖީލުތަކަށް މިސިނާއަތްތައް ފޯރުކޮށްދެވޭނީ، މާހައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިތާބުގައި ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެކަމުގައި ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އދ.ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރު "މާޙައުލީ ނިޒާމު އިޢާދަކުރުން" މައްޗަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މާހައުލީ ނިޒާމު އިއާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާހައުލީ ނިޒާމު، އަލުން އޭގެ ޠަބީއީ ހާލަތަށް އެނބުރި އިއާދަކުރުމުގައި އެހީތެރިވުން ކަމަށާއި، އަދި ގެއްލުމެއް ނުލިބި ހުރި މާހައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ހިމާޔަތްކޮށް ރައްކާތެރި ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި ވަނީ ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ތަފްސީލު ކޮށްދެއްވާފައެވެ.

އެގޮތުން ރާއްޖޭގެ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ޙިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފާހަގަ ކުރެއްވިއެވެ.

އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ޙިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތާލާނެ ނިޒާމުތައް، ރަށު ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ގާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާއި، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިޤްތިޞާދު" ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.