ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ހާޒިރު ކޮށްފިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އިންކުއަރީއެއް ފަށާފައެވެ.

މި އިންކުއަރީ ހެދުމަށް ކޮމިޓިން ބައްދަލުކޮށް ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އަދި ކޮމިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް މިހާރު ވަނީ ހުލުވާލާފައެވެ.

މި އިންކުއަރީއަށް މިއަދު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާޒިރު ކުރައްވާފައެވެ. 241 ކޮމިޓީން ބުނީ ސީޕީ ހަމީދަކި ކޮމިޓީއަށް ހާޒިރުކޮށްފައިވާ ފުރަތަމަ ފަރާތް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށްގެންދާ އިންކުއަރީގައި މައިގަނޑު 5 ކަމަކަށް އަލިއަޅުވާލައި ތަހުގީގު ކުރަމުންދާނެ ކަމަށް 241 ކޮމިޓީން މީގެކުރިން ބުނެފައިވެއެވެ.

އެގޮތުން މި ހަމަލާއާގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ފަރާތްތަކަށް ލިބިފައިވޭތޯ ބަލާނެ ކަމަށާއި، ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބައިކަން ދެނެގަތުމާއި، ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަމުންދިޔަ ގޮތް ދެނެގަތުމާއި، ފައިނޭންސް އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތުގެ އިތުރުން. މައުލޫމާތު ލިބުމުން ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު ދެނެގަންނާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިނުވާތީ، މިކަމުގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސް އޮފީހުން ވަނީ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައެވެ.