މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކޮށް ތަސްދީގުކޮށްފިނަމަ، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާލަދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއްކަމަށް ޖުމްހޫރީ ޕާޓިން ބުނެފިއެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފައެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދައިން ބިލް އިސްލާހުކޮށް ފާސްކޮށް އަދި ތަސްދީގުކޮށްފިނަމަ، މިކަން ވެގެންދާނީ މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް ހުޅުވާލެވޭ ގާނޫނީ ދޮރަކަށް ކަމަށެވެ.

އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް މިހާރު ހަދާފައިވާ ގާނޫނުތަކުގައި ބުނެވިފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން މިފަދަ އެއްވެސް މީހަކާމެދު ތަހުގީގެއް ހިންގައި ފިޔަވަޅެއް އަޅާފައިވޭތޯ ޖޭޕީން ވަނީ ސުވާލު އުފައްދާފައެވެ.

އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހަދާ މީހަކާ ދިމާލަށް ލާދީނީ މީހެކޭ ބުނެފިނަމަ އެމީހަކަށް ފިޔަވަޅު ނާޅާ ދޫކޮށްލާފާނެ ކަމަށް ބެލެވެން ނެތްކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

ޖޭޕީން ބުނީ މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެހަދާ މީހުންނާ ދިމާއަށް އެއީ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ އިސްލާމްދީނަށް ފުރައްސާރަކުރާ ބައެކޭ ނުބުނެވޭނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށެވެ.

އަދި މެމްބަރު ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތައް ފާސްކޮށް ގާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމައު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށްވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހުށަހެޅިފައިވާ ބިލު، ހުށަހަޅާފައި އޮތް މަފްހޫމްގައި ފާސްކޮށް ގާނޫނަކަށް ހެދުމަށް މި ސަރުކާރު ދެމިއޮތުމަށް ތާއީދުކުރާ އެކަމުވެސް ތާއީދު ނުކުރާނެކަމަށް ޖުމްހޫރީ ޕާޓީން ގަބޫލުކުރާ ކަމަށްވެސް ބުނެފައި ވެއެވެ،