ބޭރު ގައުމުތަކުން ރަޝިޔާއަށް ޒިޔާރަތްކުރާ އެންމެނަށް ހިލޭ ކޮވިޑްވެކްސިން ޖަހައިދިނުމަށް ރާއްވަވަމުން ގެންދަވާ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިކަން ހާމަކުރެއްވީ، ރަޝިޔާގައި ބޭއްވި އިގްތިސާދީ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަޝިޔާއިން މިހާތަނަށްވަނީ ކޮވިޑަށް 4 ވެކްސިނެއް ތަރައްގީކޮށް އުފައްދާފައެވެ. އޭގެ ތެރޭގައި "ސްޕުޓިނިކް ވީ" ގެ ނަން ދީފައިވާ ކޮވިޑް ވެކްސިންވެސް ހިމެނެއެވެ.

މި ވެކްސިންތަކުގެ ޒަރީއާއިން ދުނިޔޭގައި ރަޝިޔާގެ ތަސައްވުރު ރީތިކުރުމުގެ މަސައްކަތްވެސް ގެންދަނީ ކުރަމުންނެވެ.

ވެކްސިން ޝިޕްމަންޓްތައް އެތައް ގައުމަކަށް ރަޝިޔާއިންވަނީ ހިލޭވެސް ފޯރުކޮށްދީފައެވެ.

ޕީޓަރސްބާގް އިންޓަރނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ވިދާޅުވީ، ކޮވިޑް ވެކްސިން ޖެހުމަށްޓަކައި ވަރަށް ގިނަ ބަޔަކު ރަޝިޔާއަށް މިހާރުވެސް ޒިޔާރަތް ކުރަމުންދާ ކަމަށެވެ.

"އެހެންވެ، މިމަސް ނިމެންވާއިރަށް މިކަން ވަރަށް ފުރިހަމަ ގޮތެއްގައި ދިރާސާކުރަން އަޅުގަނޑުވާނީ އެދިފައި. އޭގެ ބޭނުމަކީ، ބޭރުން އަންނަ މީހުންނަށް ހިލޭ ވެކްސިން ޖަހައިދެވޭނެ އުސޫލުތަކެއް ކަނޑައެޅުން"
ޕޫޓިން

ނަމަވެސް، މިކަމާގުޅޭ އިތުރު ތަފްސީލެއް ރަޝިޔާގެ ރައީސް ފޯރަމްގައި ދެއްވާފައެއް ނުވެއެވެ.

ރަޝިޔާއިން އުފައްދާފައިވާ ސްޕުޓްނިކް ވީ ވެކްސިން ދުނިޔޭގެ 66 ގައުމެއްގައި އިމަޖެންސީ ހުއްދަދީ، މިހާރު ބޭނުންކުރަމުން ގެންދެއެވެ.

މި ވެކްސިންއަށް އިމަޖެންސީ ހުއްދަ ދިނުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި، އަދި ޔޫރަޕިއަން މެޑިސިންސް އޭޖެންސީން މިހާރު ގެންދަނީ، އެ ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ މައުލޫމާތުތައް ދިރާސާ ކުރަމުންނެވެ.

މި ވެކްސިން ޔޫރަޕް ސަރަހައްދުގައި ބޭނުން ކުރެވޭނީ ޔޫރަޕިއަން މެޑިސިންސް އޭޖެންސީންގެ ހުއްދަ ލިބިގެންނެވެ.

ރަޝިޔާއިން ކޮވިޑަށް ވެކްސިންތައް ތަރައްގީކޮށް އުފައްދައި، ބަލީގެ ވަރަށް ކުރީކޮޅު ބޭނުންކުރަން ފެށިނަމަވެސް، ތަރައްގީވެފައިވާ އެހެން ގައުމުތަކާ އަޅާބަލާއިރު ރަޝިޔާގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށްދަނީ ލަސްކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް އެންމެ މަދުވެގެން އެއްޑޯޒް ވެކްސިން ދެވިއްޖެ ކަމަށެވެ. ރަޝިޔާގެ އާބާދީގައި ހިމެނެނީ 144 މިލިއަން މީހުންނެވެ.