އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމުން އައްޑޫއަށާއި މުޅި ދިވެހިރާއްޖެއަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އިންޑިއާ ސަރުކާރުން ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގެ މިކަމުގެ އެކި ވާހަކަތައް ދެކެވެމުންދާ ވަގުތެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓެއް އެޅުމުގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. މިއީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިވާ ވިސްނުމެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމުން އައްޑޫއަށާއި، މުޅި ދިވެހިރާއްޖެއަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ބައެއް މީހުން ދެކޭގޮތުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުރުމަކީ އެހާ މުހިންމު ކަމެއް ނޫނެވެ. ސަބަބަކީ މިތަނުން ޚިދުމަތް ލިބިގަންނަން ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން އެސަރަހައްދުގައި ދިރި ނޫޅޭތީއެވެ.

އަދި މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ފައިދާއެއް ކުރާނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. މިއީ އައްޑޫގެ މައްޗަށް އިންޑިއާގެ އަތްގަދަ ކޮށްލުމަށް އަޅާ އޮފީހެއް ކަމުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމްކުރަން އިންޑިއާ ސަރުކާރުން ނިންމި ނަމަވެސް، އެކަން ދިވެހި ސަރުކާރަށް އަދި ހުށަހެޅި ކަމެއް ނޭނގެއެވެ.

އެންމެފަހުން ރައީސް ސާލިހް ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ، އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އުޅޭތީ "ސޭވް އައްޑޫ" ގެ ނަމުގައި ކޮންސިއުލޭޓް ގާއިމްކުރުމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ވެސް ވަނީ ފެށިފައެވެ.