އުމުރުން 3 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށް ސިނޮވެކް ބަޔޯޓެކްގެ ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދީފިއެވެ.

ޗައިނާ ސަރުކާރުގެ ޓީވީއަށް ދެއްވި ލައިވް އިންޓަރވިއުއެއްގައި މިކަން އިއުލާން ކުރެއްވީ، ސިނޮވެކް ބަޔޯޓެކްގެ ޗެއަރމަން ޔިން ވީޑޮންގެވެ.

ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށް އުފައްދާފައިވާ 5 ވެކްސިންގެ ތެރެއިން 4 ވެކްސިނެއް ބޭނުންކޮށްގެން ރައްޔިތުންނަށް ވެކްސިން ޖަހަމުން ގެންދާއިރު، މިހާރު ވެކްސިން ޖަހަމުން ގެންދަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

އެގޮތުން، ޗައިނާ ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން މި ޖޫންމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 723.5 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވެއެވެ.

ސިނޮވެކް ބަޔޯޓެކްގެ ވެކްސިނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ޖެހުމަށް ސަރުކާރުން ހުއްދަދިން ފުރަތަމަ ވެކްސިނެވެ.

އަދި ޗައިނާ ވެގެންމިޔައީ، ޚާއްސަކޮށް އުމުރުން 3 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިނެއް ދިނުމަށް ހުއްދަދިން ދުނިޔޭގެ ފުރަތަމަ ގައުމަށެވެ.

ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން ބައެއް ގައުމުތަކުން ޖަހަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށެވެ.

ހުއްދަ ލިބުނު ނަމަވެސް، ސިނޮވެކް މިވެކްސިން ކުޑަކުދިންނާއި، ފުރާއުމުގެ ކުދިންނަށް ޖަހަން ފަށާނީ، ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖެހުމާ ގުޅޭގޮތުން ސިއްހީ އިދާރާތަކުން ކަނޑައަޅަންޖެހޭ ސްޓްރެޓެޖީތައް އެކަށައަޅައި ނިމުމުން ކަމަށް ސިނޮވެކްގެ ޗެއަރމަން ވިދާޅުވިއެވެ.

ޔިން ވީޑޮންގް ވިދާޅުވީ، ކޮވިޑް ޖެހުމަށްފަހު އުމުރުން ދުވަސްވީ މީހުންގެ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާތީ، އުމުރުން ދުވަސްވީ މީހުންނަކީ ހައިރިސްކް ގްރޫޕްގެ ގޮތުގައި ކަނޑައެޅިފައި ވީނަމަވެސް، އިސްކަންދޭ ގްރޫޕްތަކުގައި ކުޑަކުދިން ނުހިމެނޭ ކަމަށެވެ.

ކުޑަކުދިންނަށް ސިނޮވެކް ވެކްސިން ދީގެން ކުރިއަށްގެންދިޔަ ކްލިނިކަލް ޓްރައިލްސްއާ ގުޅޭގޮތުންވެސް ޔިން ވަނީ ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވީ، އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ކުރިއަށްގެނެދިޔަ ފޭސް އެކަކާއި ދޭއްގެ ކްލިނިކަލް ޓްރައިލްސްއިން، އިމިއުން ރެސްޕޮންސް އުފައްދާކަން ހާމަވެފައިވާ ކަމަށެވެ. އަދި ފެނިފައިވަނީ ވަރަށް ލުއި ސައިޑްއިފެކްޓްސް ކަމަށްވެސް ޔިން ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ސޮނިފާރމް ކުންފުނިންވެސް މިހާރުވަނީ، އެކުންފުނީގެ ކޮވިޑް ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ހުއްދައަށްއެދި، އެ ކުންފުނިން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރައިލްސްގެ މައުލޫމާތު ސަރުކާރަށް ހުށަހަޅާފައެވެ.

ކޮވިޑް ވެކްސިން ތަރައްގީކޮށް އުފައްދަން ސިނޮވެކާއި، ސިނޮފާރމުންވެސް ބޭނުންކޮށްފައިވަނީ އެއް ޓެކްނޯލޮޖީއެކެވެ.

ސިނޮވެކް ކުންފުންޏާއި، ސިނޮފާރމް ކުންފުނިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވަނީ އިމަޖެންސީ ހުއްދަވެސް ދީފައެވެ.

ތަފާތު ޓެކްނިކެއް ބޭނުންކޮށްގެން ކޮވިޑް ވެކްސިނެއް ތަރައްގީކޮށް އުފައްދާފައިވާ ޗައިނާގެ އެހެން ކުންފުންޏެއް ކަމަށްވާ ކެންސީނޯ ބަޔޮލޮޖިކްސްއިން މިހާރުވަނީ، އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދީގެން ޓެސްޓު ހެދުމުގެ ދެވަނަ މަރްހަލާ ފަށާފައެވެ.