ޣައްޒާއަށް އަދި ލުބުނާނަށް ހަމަލާދޭން ޖެހިއްޖެނަމަ އެކަމަށް ފަސްނުޖެހޭނޭ ކަމަށް، ނަތަންޔާހޫއަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރުކަމާ ހަވާލުވާނެ ކަމަށް ބެލެވޭ ނަފްޓަލީ ބެނެޓް ބުނުމާ ގުޅިގެން ހަމާސްއިން އޭނާއަށް ވަރަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ޣައްޒާގެ އިލްމުވެރިންނާއި، މުސައްނިފުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ހަމާސްގެ ފަރާތުން ޣައްޒާގައި ވެރިކަން ކުރައްވާ ލީޑަރު ޔަހްޔާ ސިންވާރު ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް ދެން ހަމަލާ ދީފިނަމަ އެކަން ވެގެންދާނީ މުޅި މެދުއިރުމަތި ބަދަލުވެގެންދާނެ ހަނގުރާމައަކަށް ކަމަށެވެ.

އެފަދަ ހަމަލާއަކަށްފަހު ދެން އޮންނާނީ މިހާރު މިއޮތް ހާލަތު ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަހްޔާ ސިންވާރު ވިދާޅުވީ، މުޖާހިދުންގެ ފައުޖުތައް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދީފިނަމަ އޭގެ ރައްދު ވަރަށް ވަރުގަދަ ވާނޭ ކަމަށެވެ.

ސިންވާރު ވިދާޅުވީ، މުޖާހިދުންގެ އަސްލު ހަމަލާތަކުގެ ކުރިމަތީގައި އިސްރާއީލަށް ކެތެއް ނުކުރެވޭނެ ކަމަށެވެ.

"މިފަހުން މިހިނގި ކަންތައްތަކަކީ އަޅުގަނޑުމެންގެ ގާބިލްކަން ޓެސްޓުކުރުމަށްޓަކައި ހިނގުނު އެކްސަސައިޒެއް. އަސްލު ހަނގުރާމައަކީ ކޮބައިކަން އިސްރާއީލަށް ދައްކާލުމަށް ހިންގުނު ވަރަށް އާދައިގެ އެކްސަސައިޒެއް"
ޔަހްޔާ ސިންވާރު

ސިންވާރު މި އިޝާރާތް ކުރެއްވީ، އިސްރާއީލުގެ ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި މިސައިލުން ވަރުގަދަ ހަމަލާތައް ދެމުންގެންދިޔަ ދަނޑިވަޅުތަކުގައިވެސް ހަމާސްއާއި، ޣައްޒާގެ ޖަމާއަތްތަކުން އިސްރާއީލަށް މިސައިލާއި ރޮކެޓުން ވަރުގަދަ ހަމަލާތައް ދެމުންގެންދިޔަ ދިއުމަށެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުން ގެންދިޔަ އެއް ބޭނުމަކަށްވީ، މުޖާހިދުންގެ މިސައިލާއި ރޮކެޓުތައް ހުއްޓުވުމެވެ. ނަމަވެސް، އެކަން ކާމިޔާބެއް ނުވިއެވެ.

ހަމަލާތައް ހުއްޓާލިފަހުން އެނގުނު ގޮތުގައި، ހަމާސްއާއި، މުޖާހިދުންގެ ގާބިލްކަމާއި، އެމީހުންގެ އަތުގައި ހުރި ހަތިޔާރު ފެނި އިސްރާއީލު ސިފައިންނަށް ސިހުން ލިބިގެންދިޔައެވެ. މިކަން އިސްރާއީލު ސިފައިންގެ ބައެއް ވެރިން ފަހުންވަނީ ބުނެފައެވެ.

މުޖާހިދުންގެ ޖަމާއަތްތަކާއި، އެމީހުންގެ ހަތިޔާރާއި، އެމީހުންގެ ބިންގަރާސް ވިއުގަތައް ފުނޑުފުނޑު ކޮށްލާފައިނޫނީ ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހަމަލާތައް ހުއްޓާލަން އެންގިއިރު، އޭނާ ވައުދުވި އެއްވެސް ކަމެއް ފުރިހަމައެއް ނުވިއެވެ. ސިފައިން އެނބުރި ދިޔައީ ހުސްއަތާއެވެ.

މިދިޔަ މެއިމަހުގެ 10 އިން 19 އަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކަށްފަހު، އިސްރާއީލުގެ އެތެރޭގެ ސިޔާސީ އޮއިވަރު ބަދަލުވެ، އިދިކޮޅު ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދައި، މިހާރު ނަތަންޔާހޫ ހުރީ މަގާމުންވެސް އަތްދޮވެލަން ތައްޔާރުވެގެންނެވެ. އިދިކޮޅުން ސަރުކާރެއް އުފައްދަން ހެދި އެއްބަސްވުން ޕާލަމެންޓުން ފާސްވުމާއެކު ނަތަންޔާހޫގެ ވެރިކަމަށް ނިމުން އަންނާނެއެވެ.

އިދިކޮޅުން ހެދި ކޯލިޝަން އެއްބަސްވުމުގެ ދަށުން، ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަމާ ހަވާލުވާނީ ނަފްޓަލީ ބެނެޓްއެވެ. އޭނާއަކީ އިސްރާއީލުގެ ޔަހޫދީ އެންމެ ހަރުކަށި ފިކުރުގެ މީހެކެވެ. މަލްޓި-މިލިއަނަރެކެވެ. ފަލަސްތީނުމީހުން ދެކެ އަބަދުވެސް ވަރަށް ރުޅިއަރާ، އަދި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރަން ތާއީދުކުރާ މީހެކެވެ.

ވެރިކަމާ އަދި ހަވާލު ނުވާއިރުވެސް އޭނާ މިވަނީ، ޣައްޒާއަށް ހަމަލާދޭން ޖެހިއްޖެނަމަ އެކަމަށް ފަސްނުޖެހޭނޭ ކަމަށް ބުނެފައެވެ.

ނަތަންޔާހޫ ނެތަސް، އިސްރާއީލުގެ ވެރިކަމަށް އަންނަ މީހެއްގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް އެއްވެސް ހަމަޖެހުމެއް ލިބިދާނެ ކަމަކަށް އެމީހުން އުންމީދެއް ނުކުރެއެވެ.

ފަލަސްތީނުގެ ގިނަ ރައްޔިތުން ބުނަނީ، އިސްރާއީލުގެ ވެރިކަން ބަދަލުވިޔަސް ބަދަލުވަނީ ހަމައެކަނި ބޮޑުވަޒީރު ކަމުގައި ހުންނަ މީހާ ކަމަށެވެ. އެހެން އެއްވެސް ކަމެއް ބަދަލުވާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

ކުރީގެ މާޒީގައި ދައްކާފައިވާ ވާހަކަތަކާއި، ކަންކޮށްފައިވާ ގޮތަށް ބަލައި ފަލަސްތީނު މީހުން ބުނަނީ، ނަފްޓަލީ ބެނެޓް ވާނީ "ނަތަންޔާހޫއަށް ވުރެންވެސް ނުބައި ނަތަންޔާހޫއަކަށް" ކަމަށެވެ.