ރައްޔިތުންގެ މަޖިލީހުން މިހާރު ކަން ކުރަނީ، މާޒީގައި މަޖިލީހުން ކަން ކުރިގޮތަށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ހިނގާ ބައެއް މައްސަލަތަކުގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށާއި، މަޖިލީހަށް، އެމައްސަލަތަކާއި ގުޅޭ ފަރާތްތައް ހާޒިރުކޮށްގެން ސުވާލުކުރާތީ، އެކަމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާޒީގައި ވެރިކަންކުރި މީހުން އެމީހުންގެ ވެރިކަމާއި، ބާރު ދަމަހައްޓަން ވީމަ ޑިފެންސް ފެންޑާއަށް ރައްޔަތު މީހާ ޙާޒިރުކުރާކަމަށެވެ. އަދި އެމައްސަލައެއްގައި ހުކުމްކުރާނީ، ޑިފެންސް މިނިސްޓްރީގެ ވަކީލުކަމަށެވެ. އެހިސާބުން އެމީހަކު ގޮޅިއަށްލާ، އަނިޔާކޮށް، މެރީކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ރައްޔިތުންގެ މަޖްލިސް މިއަދު އެ ބަދަލުވަނީ އެ މާޒީއަށްކަމަށެވެ.

މޫސަ ވިދާޅުވީ، ކިތަންމެ އަވަހަށް ކަމެއް ކުރަންވިޔަސް އަދި ކިތަންމެ މުހިއްމުކަމެއް ވިޔަސް އޮންނަ އުސޫލުގެ ބޭރުން އެކަން ކޮށްފިނަމަ ޤާނޫނުގެ ބޭރުން ކަންކުރަން އެހުޅުވެނީ ދޮރެއްކަމަށެވެ. މިކަން މަޖްލިސް މެމްބަރުން ވިސްނަވަންޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށްދަނީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތުން މަޖިލީހުގެ 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއެވެ.

އެ އިންކުއަރީއަށް މައުލޫމާތު ހޯދުމުގެ ގޮތުން އިއްޔެ ވަނީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މީގެއިތުރުން މިއަދު ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންވެސް ހާޒިރުކުރަން ވަނީ ނިންމާފައެވެ.