ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެ މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާކަމަށާއި، މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަވެސް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.