ހުކުރުދުވަހު ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާއިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ނެގެޓިވްވި ނަމަވެސް އޭނާއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަވުމުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަވެފައިވަނީ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ކޭމްޕް ކުރަމުންދަނިކޮށް މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ދަގަނޑޭގެ އިތުރުން އެފަހަރު ހެދި ޓެސްޓުތަކުން ގައުމީ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މާލޭގައި ހޮޓެލް ޖެންގައި ގައުމީ ޓީމުން ކުރަމުންދިޔަ ކޭމްޕުން ދަގަނޑޭ ވަނީ އޭނާގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ވަކިވެފައެވެ. އަދި އެފަހަރު ދަގަނޑޭ އެނބުރި ކޭމްޕާއި ގުޅުނީ ނެގެޓިވް ކޮވިޑް ޓެސްޓުގެ ނަތީޖާ އަކާއިއެކުއެވެ.

ހުކުރުދުވަހު ދަގަނޑޭ ކޮވިޑަށް ނެގެޓިވްވެ ޖެހިގެން އައި ހޮނިހިރު ދުވަހު ޓީމާއި ގުޅުމުގެ އުންމީދުގައި ހުރިނަމަވެސް އެ ހުއްދަ އޭނާއަށް ލިބިފައެއް ނުވެއެވެ. އެގޮތުން ދަގަނޑޭއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކަރަންޓީން މުއްދަތަށްފަހު އިތުރު ޓެސްޓެއް ހަދައިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިހާރު އޮތްގޮތުން ދަގަނޑޭގެ ކަރަންޓީނު މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހަށެވެ. އެހެންކަމުން އޭނާއަށް އޭގެފަހުން ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު ކޮލިފައިންގައި ހުކުރު ދުވަހު ޗައިނާ އާއި ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗުގައިވެސް ދަގަނޑޭ އަށް ބައިވެރި ވެވޭނެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު ކޮލިފައިންގައި ރާއްޖެ އިން ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެއެވެ. މި މެޗުން ރާއްޖޭގެ މައްޗަށް ސީރިއާ އިން ވަނީ ފަސޭހަކަމާއިއެކު 0-4 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ކުޅުންތެެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު މުޅި މެޗުގައިވެސް ރާއްޖެ ޓީމަށް އުފެއްދިފައި ވަނީ އެންމެ ދެ ހަމަލާއެވެ. ޗައިނާ މެޗުގައި ދަގަނޑޭ އަށް ބައިވެެރިވުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަން ވާނީ ގައުމީ ކޯޗް މާޓިން ކޫޕްމަން އަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

ކޮލިފައިންގައި ރާއްޖެއަށް ބާކީ ދެ މެޗު އޮތްއިރު ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ހަ މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.