ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ނުކުޅެދި، ސަރުކާރުގެ ފަރުވާކުޑަކަމާއި އިހުމާލުން އެތައް ރައްޔިތުންނެއް މިދުނިޔެ ދޫކުރާ ކަމަށްބުނެ، އެކަންކަން ތަހުޤީޤުކޮށް ރައްޔިތުންނަށް ޖަވާބުދާރީވުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވަލައިފިއެވެ.

އިދިކޮޅު، ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް ބަލީގައި ދުނިޔެ ދޫކުރަމުންދާ ރައްޔިތުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި، އިހުމާލު ބޮޑުކަންވެސް ފާހަގަކުރެވޭކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.

އެމްބިއުލާންސް ފޮނުވުން ލަސްވެގެން މިމަހުގެ ދެވަނަ ދުވަހު މަރުވި، ފާތިމަތް މިޝްކާ މުހައްމަދު އަދި، މިމަހުގެ 5 ވަނަ ދުވަހު، ކޮވިޑް ބަލީގައި މަރުވި ގއ. ދާންދޫ މަރްޔަމް އިބްރާހީމްގެ މަރާއި ދޭތެރޭގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ ފަރުވާކުޑަކަމާއި އިޙުމާލު ވަރަށް ބޮޑަށް އޮތްކަން ހާމަވެފައިވާ ކަމަށް އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ.

މަރިޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން، އިމަރޖެންސީގައި މާލެ ގެނައިއިރު، މަރްޔަމްއަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވި ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމްއަށް ފަރުވާ ދެވިފައިވަނީ އަތުން ޕަންޕުކޮށްގެންކަން އާއިލާއިން ހާމަކޮށްފައިވާކަން ކޯލިޝަންގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އިމަރޖެންސީގައި ހާލުބޮޑު މީހަކު ފްލައިޓަކަށް އަރުވާއިރު، ފަރުވާއަށް ބޭނުންވާ ސާމާނު ހަމަކުރެވިފައި ނުވުމަކީ ހިތާމަހުރި ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ، ސަރުކާރުގެ ފަރުވާކުޑަ ކަމާއި، އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަންޖެހެނީ ކިތައް ފުރާނައިންތޯ ސުވާލު ކޮށްފައެވެ.

އަދި މިކަމުގައި ފަރުވާތެރިވެ، ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯއާއި، ކޮވިޑް ފެތުރުން މަދުކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަށް ނުވޭތޯ ކޯލިޝަނުން ވަނީ ސުވާލު އުފައްދާފައެވެ.

ކޮވިޑް ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކުރާނީ މިފަދަ ހިތާމަވެރި ކިތައް ހާދިސާއަށްފަހުތޯވެސް އިދިކޮޅު ކޯލިޝަނުން ސުވާލު ކޮށްފައި ވެއެވެ.

ޒިންމާއިން ރެކިވަޑައިގަތުމުގެ ބަދަލުގައި، ސަރުކާރުގެ ފަރުވާކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިއަށް އިދިކޮޅުން ވަނި ގޮވާލާފައެވެ. އަދި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށްވެސް ގޮވާލާފައިވެއެވެ.

މިމައްސަލަތައް ބަލައި، ޒިންމާވާންޖެހޭ ފަރާތްތަކުގެ މައުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ހަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވަލާފައެވެ.