ކޮވިޑްބަލީގެ ހާލަތު ރަނގަޅުވުމާ ގުޅިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި، އިންޑިއާގެ ވިޔަފާރީގެ މައި ހަބު ކަމުގައިވާ މުމްބާއީން ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށައިފިއެވެ.

ވެރިރަށް ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖުރިވާލް މިއަދު ވިދާޅުވީ، ވެރިރަށުގެ މާރުކޭޓުތަކާއި، ޝޮޕިންގ މޯލްތައް މާދަމާއިން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދި ދިއްލީ މެޓްރޯގެ ޚިދުމަތްވެސް ފަންސާސް އިންސައްތަ ކެޕޭސިޓީއާއެކު ޚިދުމަތްތައް ފަށާނެ ކަމަށް ޗީފް މިނިސްޓަރ އިއުލާން ކުރެއްވިއެވެ.

މާރުކޭޓުތަކާއި، ޝޮޕިންގ މޯލްތައް ހުޅުވުމުގެ ހުއްދަ ދިންނަމަވެސް، އެތަންތަން ހުޅުވަން ކަނޑައަޅާފައިވަނީ ހަފްތާގެ ވަކި ދުވަސްތަކެއްގައި ވަކި އަދަދަކަށެވެ.

އަދި ދެބައިކުޅަ އެއްބައި މުވައްޒަފުން ނެރެގެން އޮފީސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް، ޗީފް މިނިސްޓަރވަނީ، އަދިވެސް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މުފައްޒަފުންގެ ކިބައިން އެދިފައެވެ.

އެތައް ހަފްތާތަކެއް ވަންދެން އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ ބޮޑެތި ސިޓީތަކުން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ.

ޚާއްސަކޮށް ބަލީގެ ހާލަތު އެންމެ ގޯސްވެގެންދިޔަ ވެރިރަށް ނިއުދިއްލީން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން، ދިއްލީ ސަރުކާރުން މިދިޔަ ހަފްތާގައިވަނީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށާއި، ފެކްޓަރީތައް ހުޅުވަން ހުއްދަ ދީފައެވެ.

މާދަމާ މިފަށަނީ، ލުއިތަކުގެ އިތުރު ފިޔަވަޅުތަކެވެ.

"ކޮންސްޓަރަކްޝަން މަސައްކަތްތައް ފެށި، ފެކްޓަރީތައް ހުޅުވިތާ ހަފްތާއެއް ވެއްޖެ. ކޮވިޑްގެ ހާލަތު އަދިވެސް އޮތީ ކޮންޓްރޯލް ހާލަތުގައި. މިދިޔަ 24 ގަޑިއިރު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 500 އިން ދަށުގައި"
އަރްވިންދު ކެޖުރިވާލް

މީގެ 7 ހަފްތާކުރިން ނިއުދިއްލީ ލޮކްޑައުން ކުރިއިރު، ދުވާލަކު 25،000 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވަމުން ދިޔައިރު، މިދިޔަ 24 ގަޑިއިރުތެރޭ ޕޮޒިޓިވްވެފައިވަނީ ގާތްގަނޑަކަށް 400 މީހުންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން އިގްތިސާދީ މަސައްކަތްތައް ކުރީގެ ހާލަތަށް ގެނައުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޗީފް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މިއޮތްގޮތަށް ހާލަތު އޮތުމަށް ދުއާކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ވިޔަފާރީގެ މައި ހަބް މުމްބާއީ ހިމެނޭ މަހާރަޝްޓްރާ ސްޓޭޓް ސަރުކާރުންވަނީ، ފިޔަވަޅުތަކަށް ލުއިދިނުމަށް ފަސް ލެވެލްއެއް ހިމެނޭ ޕްލޭނެއް އިއުލާން ކޮށްފައެވެ.

ފިޔަވަޅުތަކަށް ލުއިތައް ދެމުން ގެންދާނީ، އަލަށް ޕޮޒިޓިވްވާ މީހުންގެ ރޭޓާއި، ހޮސްޕިޓަލްތަކުގައި އެޑްމިކުރަންޖެހޭ މީހުންގެ ރޭޓަށް ބަލައިގެން ކަމަށްވެސް ސްޓޭޓް ސަރުކާރުން ބުނެފައި ވެއެވެ.

އެގޮތުން، ލެވެލް އެކެއްގައި ހިމެނޭ ސަރަހައްދުތަކުން، އަލަށް ޕޮޒިޓިވްވާ ރޭޓު ފަހެއް އިންސައްތައަށްވުރެ ދަށް އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ ރޭޓު ފަންސަވީސް އިންސައްތައަށްވުރެ ދަށްވުމުން ހުރިހާ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، ޝޮޕިންގ މޯލްތައް ހުޅުވުމުގެ ހުއްދަދިނުމަށް ވަނީ ނިންމާފައެވެ.

މުޅި އިންޑިއާއަށް ބަލާއިރުވެސް ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މިދިޔަ މެއިމަހު ދުވާލަކު ހަތަރު ލައްކައަށްވުރެ ގިނަމީހުން ޕޮޒިޓިވް ވަމުންދިޔައިރު، މިހާރު އެއަދަދު 120،000 އަށް ވެއްޓިފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑްބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ދަށަށް ގޮސްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ކުއްލިއަކަށް ގޯސްވެގެންދިޔައީ، އެގައުމުން ފެނުނު އައު ވޭރިއެއްގެ ސަބަބުންނާއި، ސިޔާސީ، އަދި ދީނީ އެކިއެކި ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދިނުމާއި، ކަންކަން އާންމު ހާލަތަށް ގެނައުމުގެ ސަބަބުން ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.