ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

ރައީސް ސޯލިހަށް ތުހުމަތުތަކެއްކުރައްވާ، އެމްޑީޕީގެ ޗެެއާޕާސަން، ހަސަން ލަތީފު މެދުވެރިކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވަވާފައިވާ މެސެޖެއްކަމަށްބުނެ، މެސެޖެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މެސެޖުގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭކަމަށެވެ. ރައީސް، ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ ކޮން ކަމެއްތޯ ވެސް ރައީސް ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ.

"މިއީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮންމެ ކަމެއްތޯ ތިޔަ ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ"
ހަސަން ލަތީފު މެދުވެރިކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް، ޖަވާބުދާރީވާން ސަލާމަތީ ޚިދުމަތްތަކަށް ހުޅުވާލުމާއި ގުޅިގެން އެމްއެންޑީއެފުން ވަނި ބަޔާނެއްވެސް ނެރެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުސޫލުތަކާއި ޚިލާފު ކަމެއްކަމަށެވެ.

އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށެވެ.

އެމްއެންޑީއެފުން ރައްޔިތުންގެ މަޖިލީހަށް ދިން ޖަވާބާ ގުޅިގެން، އެއީ އިމްތިޔާޒުގެ މައްސަލައެއް ކަމަށް ކަނޑައަޅައި އެމައްސަލަ ބަލަން ރައީސް ނަޝީދު މަޖިލީހުގެ 241 ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަވެސް ވަނީ އެ ކޮމެޓީން ރޭ ބޭރުކޮށްލައިފައެވެ.

މިމައްސަލަ ކޮމެޓީން ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ތުހުމަތު ކުރާއިރު، އޭނާ އެކަން ކުރެއްވީ ރައީސްގެ އެންގެވުމުގެ މަތިން ކަމަށް ވެސް ވަނީ ތުހުމަތުކޮފައެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ބިގޭ ޓެގް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރަން އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީން ކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން އުޅުއްވަނީ ކީއްވެގެންތޯ ވިދާޅުވެ އީވާ ވަނީ ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް ސުވާލު ކުރައްވާފައެވެ.