މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ކުރިއަށް ގެންދާ ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 35 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގޮތުން، މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 91 އިންސައްތް މަސައްކަތް ނިމިފައިވާކަމަށް އެމްްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ.

އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

މިމަޝްރޫއުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 72 އިންސައްތަ މަސައްކަތް، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ 77 އިންސައްތް މަސައްކަތް، ސީ އައުޓް ފޯލް އެޅުމުގެ 35 އިންސައްތަ މަސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ 16 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން، ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރގެ ޕަމްޕިން ލައިން އެޅުން ހިމެނެއެވެ.

މިއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން އެމްްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ އަގަކީ ޖުމްލަ 36 މިލިއަން ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.