ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެތައްހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ވެރިރަށް ކޮޅުނބަށެވެ.

ސްރީލަންކާ ސިފައިން މިހާރު ގެންދަނީ އެންމެބޮޑަށް ފެނުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް ކަބޯތަކެއްޗާއި، އެނޫންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްރީލަންކާގެ 25 ޑިސްޓްރިކްޓްގެ ތެރެއިން 10 ޑިސްޓްރިކްޓެއްގައިވަނީ ފެންބޮޑުވެފައެވެ. ބައެއް ޑިސްޓްރިކްޓްތަކުގައި އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވެއެވެ.

ބައެއް ޑިސްޓްރިކްޓްތަކުގައި ފެންބޮޑުވެފައިވަނީ ބޯކޮށް ވާރޭވެހި ކޯރުތައް ބަންޑުންވުމުގެ ސަބަބުންނެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 161،000 އަށްވުރެ ގިނަމީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ. ގިނަމީހުން ސަލާމަތް ކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންދިޔައީ ސިފައިންނެވެ.

އަދި ފެނުގެ އަސަރު 270،000 އަށްވުރެ ގިނަމީހުންނަށް ކޮށްފައިވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން ލައްކައެއްހާ މީހުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބައެއް ސަރަހައްދުތަކުން ފެންގަނޑު ހިނދެން ފަށާފައި ވީނަމަވެސް، ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް އަނބުރާ ގެދޮރަށް ދެވޭވަރު އަދި ނުވާކަމަށް ސްރީލަންކާ ސަރުކާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލުން ވިދާޅުވެއެވެ.

ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ކުރިއަށް ވާރޭވެހުން މަދުވާނެ ކަމަށް ލަފާކުރެވިފައި ވީނަމަވެސް، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.