ދުނިޔޭގައި މިހާރުވެސް ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިން ނުވަތަ އެކްޓިވް ޕްލެޔާސްގެ ތެރެއިން ބައިނަލްއަގްވާމީ މެޗުތަކުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ ދެވަނަ، އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ ހޯދައިފިއެވެ.

ޗެތްރީ މި ޝަރަފު ހޯދާފައިވަނީ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ބަންގްލަދޭޝް އާއި ދެކޮޅަށްކުޅެ އިންޑިއާ މޮޅުވި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްގެނެވެ. މި މެޗަށް ނުކުތްއިރު ޗެތްރީ އިންޑިއާގެ ގައުމީ ޓީމަށް ޖަހާދީފައިވަނީ 72 ލަނޑެވެ.

2-0 ގެ ނަތީޖާއިން އިންޑިއާ ބަންގްލަދޭޝް އަތުން ކުރިހޯދި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޗެތްރީ މިހާރު ވަނީ މި ލިސްޓުގެ ދެވަނައިގައި އޮތީ ޖުމްލަ 74 ލަނޑާއެކުއެވެ. ކުރިން މި ޝަރަފު ލިބެނީ އެކުވެރި އަރަބި އިމާރާތުގެ ޔޫސުފް މަބްޚޫތް އަށެވެ. އޭނާ ވަނީ މިހާތަނަށް 73 ލަނޑު ކާމިޔާބުކޮށްފައެވެ.

މިހާރުވެސް ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ މިހާތަނަށް ޖުމްލަ 103 ލަނޑު ކާމިޔާބުކޮށްފައެވެ. ޗެތްރީ އަށް މި ލިސްޓުގެ ދެވަނަ ލިބޭއިރު ތިންވަނަ ލިބެނީ މަބްޙޫތް އަށެވެ. ހަތަރުވަނައިގައި އޮތީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިހާތަނަށް މެސީ އާޖެންޓީނާގެ ޖާޒީގައި ޖަހާފައިވާ ލަނޑުގެ އަދަދަކީ 72 އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ސައުތް އޭޝިއާ ސަރަހައްދުގެވެސް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އަށް މި ލިސްޓުގައި ލިބެނީ 12 ވަނައެވެ. އަޝްފާގް ވަނި މިހާތަނަށް ގައުމީ ޖާޒީގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ.

ފުޓުބޯޅައިގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔަކީ 2006 ވަނަ އަހަރު ކުޅުން ހުށްޓާލި އިރާންގެ އަލީ ދާއި އެވެ. އޭނާ ވަނީ އީރާންގެ ގައުމީ ޓީމަށް 109 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލިސްޓުގެ ދެވަނަ ރޮނާލްޑޯ އަށް ލިބޭއިރު ޗެތްރީ އަށް މި ލިސްޓުގައި ލިބެނީ 11 ވަނައެވެ. މެސީ އަށް ލިސްޓުގައި 13 ވަނަ ލިބޭއިރު ދަގަނޑޭ އަށް ލިބެނީ 48 ވަނައެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްގެ މައްޗަށް އިންޑިއާ އިން ކުރިހޯދިއިރު ގްރޫޕް އީގެ ތިންވަނަ ޔަގީން ކުރުމަށްޓަކައި އިންޑިއާ އިން މި މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ޖެހޭނެއެވެ. މި މެޗުން އިންޑިއާ މޮޅުވެއްޖެ ނަމަ މި ގުރޫޕުގެ ތިންވަނައިގެ ގޮތުގައި އިންޑިއާ އިން އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައި ވާނެއެވެ.