ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި މެދު، ސަރުކާރުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވުމުން، އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު އެ މައްސަލަ ބޭރުކޮށްލުމުން އެ ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކައް އުފެދިިފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަަލަ ބޭރުކޮށްލުމުން، އެމްޑީޕީގެ ޗެެއާޕާސަން، ހަސަން ލަތީފު މެދުވެރިކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވަވާފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މެސެޖުގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭކަމަށެވެ. ރައީސް، ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ ކޮން ކަމެއްތޯ ވެސް ރައީސް ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި މެސެޖުގެ ފޮޓޮއަކާއެކު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ރައީސް އަދި އެމްޑީޕީގެ ވިންދު މިހެން ވިދާޅުވީމަ މިކަމަކީ ސަމާސާޔަކަށް ނަގާވަރު ކަމެއް ނޫންކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ރައީސް ނަޝީދާއި މެދު އަމަލު ކުރެވެމުން ދަނީ ވަރަށް އިހާނެތިކޮށްކަަމަށް މަލީހު ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓުން ބޭރުކޮށްލުމުން، ގިނަ ބަޔަކު އަންނަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ފާޑުކިޔަމުންނެވެ.