އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވޮލޮޕްމެންޓުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް މި ލޯނު ދޫކުރެވޭނެ ކަމަށެވެ.

ބީއެމްލްއަކީ މިވަގުތުވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރާ ބޭންކު ކަމަށާއި، އޯޕެކުން ދޭ މި ލޯނާއެކު އިތުރު ބަޔަކަށް ލޯނު ދޫކުރެވިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އޯޕެކްގެ މި ލޯނު އެހީ ލިބުމަށް ހަމަޖެހިފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

އޯޕެކް ފަންޑުން ދޭ މި ލޯނާއެކު ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވެދޭނެ ކަމަށް ޓިމް ވިދާޅުވިއެވެ.

މީގެ އިތުރުން އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވޮލޮޕްމެންޓުގެ ޑައިރެކްޓަރ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލްޚަލީފާ ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމަށް ކުރާ މަސައްކަތަށް އެހީ ވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި ފަންޑިން އާއެކު އޯޕެކުން ރާއްޖޭގައި ގާއިމްކޮށްފައިވާ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށާއި، 1977 ވަނަ އަހަރު އޯޕެކާއި ރާއްޖޭގެ ގުޅުން އުފެދުނީއްސުރެ ރާއްޖޭގެ އެތައް ޕްރޮޖެކްޓަކަށް އޯޕެކް ފަންޑުން އެހީ ފޯރުކޮށްދީފައިވާކަން ޑރ. އަބްދުލްހާމިދު އަލްޚަލީފާ ވަނީ ފާހަގަކުރައްވާފައެވެ.

ބީއެމްއެލް އޮތީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެވޭނެ ފަދަ ހާލަތެއްގައި ކަމަށާއި، އޯޕެކުގެ މި ލޯނާއެކު ވިޔަފާރިތައް އަލުން ފަށައިގަނެ، ވަޒީފާތައް ދަމަހައްޓައިދިނުމަށް އެހީވެދޭނެ ކަމަށް ޑރ. އަބްދުލްހާމިދު އަލްޚަލީފާ ވިދާޅުވިއެވެ.

އޯޕެކް ފަންޑުގެ އެހީގައި ގިނަ އަހަރުތަކެއް ވަންދެން ވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާ އަށް ލޯނު ދޫކޮށްފަ އެވެ. މީގެ ތެރެއިން ދަތުރުފަތުރުގެ ނިޒާމާއި މަލްޓި-ސެކްޓޯރަލް އާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ދާއިރާ އަށް ދީފައިވާ ލޯނުތައް ފަހަގަކޮށްލެވެއެވެ.