އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދިވެހިރާއްޖެއާ ގުޅުންހުރި ކަންކަމުގައާއި މުޅި ދުނިއެއަށް ފައިދާވަނިވި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ބޮޑުތަފާތަކުން ދިވެހިރާއްޖެ ކާމިޔާބުކޮށް، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެ މަޤާމަށް ހޮވިވަޑައިގެންފައިވާތީ، މިނިސްޓަރަށް މަރުހަބާ ކިޔައި އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

މިނިސްޓަރ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަކީ، ދިވެހި ސަރުކާރަށާއި، އެމްޑީޕީއަށް އަދި މުޅި ރާއްޖެއަށް ލިބިގެންދިއަ ބޮޑު ޝަރަފަކާއި ޢިއްޒަތެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި މިއީ ދުނިޔޭގެ މިހާ އިސް މަޤާމެއް ފުރުމަށް ރާއްޖޭގެ ރައްޔިތަކު އިންތިޚާބުކުރެވުނު ފުރަތަމަ ފަހަރުކަން ވެސް އެމްޑީޕީން ފާހަގަކުރިއެވެ.

އެމްޑީޕީން ބުނީ މިނިސްޓަރ ޝާހިދަކީ ޚާރިޖީ ދާއިރާގައާއި ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖްރިބާކާރެއް ކަމަށެވެ.

އެމަނިކުފާނު މި ފަހަރު ހޮވިވަޑައިގެންފައިވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖެއާ ގުޅުންހުރި ކަންކަމުގައާއި މުޅި ދުނިއެއަށް ފައިދާވަނިވި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އަދި މިނިސްތަރ ޝާހިދުގެ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވުމަށް އެ ޕާޓީން އެދޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ނިޔު ޔޯކް ގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ވޯޓުލުމުގައި، އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 191 ގައުމު ވޯޓުގައި ބައިވެރިވިއިރު، 143 ގައުމުންވަނީ އަބްދުﷲ ޝާހިދުއަށް ވޯޓު ދެއްވާފައެވެ.

އާންމު މަޖިލީހުގެ ރައީސްކަމަށް އަބްދުﷲ ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ރަސޫލްއަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. ރިޔާސަތު ކާމިޔާބު ކުރެއްވުމަށް ބޭނުންވަނީ 96 ވޯޓެވެ.

އެމަނިކުފާނުގެ ދައުރު ފެށޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ގައެވެ.