ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ޑާއިރާގެ މެމްބަރު ހިސާން ހުސެއިން ދަން ޖައްސާ މަރާލިޔަސް ފާފަވެރި ނުވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލަ ތަހުގީގު ކޮށްދިނުމަށް ފޮނުވައިފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަރާލިޔަސް ފާފަވެރި ނުވާނެކަމަށް މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ އާދިއްތަ ދުވަހު ކުރިއަށްދޔަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީގެ ބައްދަލުވުމަށް ފަހުއެވެ. ސިޔާމް އެހެން ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަސުގެ ޖަލްސާ ފައްޓަވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ވިދާޅުވީ މި މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް މެމްބަރު ހިސާން ގެންނަވާފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު އޮތް 241 ކޮމިޓީގެ ބައްދަލުވުމަށް ފަހު ކަމަށާއި، މިއީ މަޖިލީޙުގެ މެމްބަރެއްގެ ފަރާތުން އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް މެމްބަރު އަފީފް ވިދާޅުވިއެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މި މައްސަލަ ތަހުގީގުކުރަން ޑިފެންސް މިނިސްޓްރީއަށާއި ފުލުހުންނަށް ފޮނުވާފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މި މައްސަލަ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް ވެސް ފޮނުވާފައިވަކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި މެމްބަރު ސިޔާމް ވަނީ މެމްބަރު ހިސާންއަށް ރިއާޔަތްކޮށް ހުތުރު ބަހުން ވާހަކަވެސް ދައްކަވާފައެވެ. އަދި ހިސާން ދަންޖައްސައި މަރާލިޔަސް ފާފަވެރި ނުވާނެ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.