މ. ޖަވާހިރުވިލާ މާދިޙް އިސްމާޢީލް އަކީ ދިވެހި ކުޅިވަރުގެ އެކިއެކި ދާއިރާތަކަށް އަގުހުރި، އަގު ނުކުރެވޭނެ ޚިދުމަތްތަކެއް ކޮށްދީފައިވާ ކުޅިވަރުގެ ބަޠަލެކެވެ.

އެކި ކުޅިވަރުތަކުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ގައުމު ފަޚުރުވެރިވާ ދަރިއެކެވެ. ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި އާއި ޓީމުތަކުގެ އޮފިޝަލުކަމުގެ އިތުރުން އެކިއެކި ކުޅިވަރު އެސޯސިއޭޝަން ތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ހިންގުންތެރިއެކެވެ. މާދިހްގެ ހިދުމަތް ކުޅިވަރު ކުލަބުތަކާއި ގައުމީ ޓީމުތަކަށްވެސް ލިބިފައިވާއިރު އޭނާގެ ހިދުމަތް ނުލިބޭ ކުޅިވަރެއް ރާއްޖޭގައި ނުކުޅެއޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.

ކުޅިވަރުގެ ނަމޫނާ ހިދުމަތްތެރިޔާ މާދިހު އިސްމާޢީލް- ފޮޓޯ:- ފޭސްބުކް

އެގޮތުން ފުޓުބޯޅަ، ކްރިކެޓް، ސްވިމިންގ، ބާސްކެޓްބޯޅަ، ނެޓްބޯޅަ އަދި އެތްލެޓިކްސް އަށް ރަސްމީ ހައިސިއްޔަތުގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށްލެވެއެވެ. މާދިހް ފުރުއްވާފައިޥާ ބައެއް މަގާމުތަކުގެ ތެރޭގައި ރާއްޖޭގެ ކްރިކެޓް ބޯޑުގެ ވައިސް ޗެއާމަން ކަމާއިމ އެތްލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމާއި، ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެމްބަރުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ކުޅަދާނަ ފިޒިއޯތެރަޕިސްޓެއްގެ އިތުރުން މާދިހް އަކީ އޯގާތެރި ދަރުމަވެރިއެއްގެ ގޮތުގައިވެސް އެތައް ހިދުމަތެއް ގައުމަށް ކޮށްދީފައިވާ ހެޔޮހިތެއްގެ ވެރިއެކެވެ.

ރަމަޞާން މަހެއްގައި މާދިހު މިސްކިތުގައި ރޯދަވީއްލުން ބެހުމުގައި އެހީތެރިވަނީ- ފޮޓޯ:- ފޭސްބުކް

މާދިހް ނިޔާވުމުގެ ހިތާމައިގައި މުޅި ގައުމު ބައިވެރިވަމުންދާއިރު ސަރުކާރުގެ އެކި އިދާރާތަކުގެ ވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންގެ އިތުރުން ކުޅިވަރުގެ ހިދުމަތްތެރިން ދަނީ މައްޔިތާގެ އާއިލާއިން ކުރަމުންދާ ހިތާމައިގައި ބައިވެރިވެ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

މާދިހަކީ ރާއްޖޭން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރިއިރު، ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނިގެންވެސް އެކިއެކި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ، އަދި މާދިހް ވަނީ މާލޭގެ އެކިއެކި ސްކޫލް ތަކުގައިވެސް ކުޅިވަރު ކުރިއަރުވައި ދަރިވަރުން ކުޅިވަރަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި އެތައް ހިދުމަތެއް ކުރައްވާފައެވެ. އެގޮތުން ތާޖުއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ސްޕޯޓްސް ކޯޑިނޭޓަރެއްގެ ގޮތުގައި މާދިހްގެ ހިދުމަށް މި ސްކޫލަށް ވަނީ ލިބިފައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މާދިހް އަޅުގަނޑުމެނާއި ވަކިވެގެންދިޔައިރު މާދިހުގެ ހިދުމަށް މިއަދާ ހަމައަށް ލިބެމުންދިޔަ ޢިޔާސުއްދީން ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނި މާދިހު އަކީ ހީވާގި ކަމާއެކު މަސައްކަތް ކުރެއްވި އެކުގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި ގުޅޭ މަޖާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. އަދި މާދިހުގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުވައްޒަފުންނަށް ލިބިފައިވާ ހިދުމަތައް އެ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މާދިހު ވަނީ 2012 ވަނަ އަހަރުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ސްޕޯޓްސް ކޯޑިނޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ- ފޮޓޯ:- ފޭސްބުކލް

މާދިހު އިސްމާއީލް އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމްގެ ބޭބެއެވެ. މާދިހު އިސްމާއީލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސްމާއީލް ޒަކަރިއްޔާގެ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު 14 ވަނަ ދުވަހު ކޮވިޑް އާލާސްކަންފުޅުގައި އިސްމާއީލް ވަނީ އަވަހާރަވެފައެވެ.

އުމުރުން 51 އަހަރުގެ މާދިހް ނިޔާވީ ކުއްލި ގޮތަކަށް ބަލިވެ ހޯމަ ދުވަހުގެރޭ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

މާދިހްގެ ކުއްލި ވަކިވުމާއެކު މުޅި ކުޅިވަރު އާއިލާގެ އިތުރުން މުޅި ގައުމުވެސް ހިތާމައިގައި ވާއިރު އޭނާ ނެތުމަކީ ރާއްޖޭގެ ހުރިހާ ކުޅިވަރަކަށްވެސް ލިބޭނެ ބޮޑު އުނިކަމެއްގެ ގޮތުގައި ކުޅިވަރު އާއިލާއިން ފާހަގަކުރެއެވެ.