ފަރަންސޭސި ރައީސް އިމެނުއެލް މެކޯންގެ ކަންކަށިމަތީގައި މީހަކު "ތަފާލެއް" ޖަހައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ފަރަންސޭސިވިލާތުގެ ދެކުނު-އިރުމަތީ ޑްރޯމީ ނަމަކަށް ކިޔާ ސަރަހައްދަކަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަން އުޅުއްވުމުގެ ތެރޭގައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ފަރަންސޭސި ރައީސް މެކޯން، ސެކިއުރިޓީ ފެންސު ޖަހާފައި ހުރި ތަނެއްގައި ފެންސުގެ އަނެއް ފަރާތުގައި ތިބި އާންމުންނާ ދިމާއަށް ވަޑައިގަންނަވައެވެ. އަދި އެންމެ ފުރަތަމަ ސަލާމް ކުރައްވާ މީހާ، ވާއަތުން ސަލާމް ކުރެއްވުމަށްފަހު ކަނާއަތުން ރައީސް މެކޯންގެ ކަންކަށިމަތީގައި ވަރަށް ބާރަށް އަތުން ޖަހައެވެ.

އެއާއެކު، ދެން ފެނިގެންދަނީ، ސެކިއުރިޓީން އާންމުންގެ މީހާގެ ގައިގައި ހިފައިގަންނަ ތަނެވެ. އަދި އެތަނުން ރައީސް މެކޯން ވަގުތުން ދުރަށް ގެންދާ މަންޒަރުވެސް ފެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސަލާމަތީ އޮފިސަރުން އެތަނުން ދެމީހަކު ހައްޔަރު ކުރިއެވެ.

ފަރަންސޭސި ރައީސްގެ ކަންކަށިމަތީގައި ޖެހިމީހާ، އެވަގުތު ރައީސްގެ ސިޔާސަތަށް ނުރުހުން ފާޅުކޮށް ހަޅޭލެވި ކަމަށްވެސް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.