ސިކުނޑީގެ އުނިކަން ހުރުމުގެ ސަބަބުން ނުކުޅެދޭ މީހުނަށް އަޅައިލުމާއި ފަރުވާ ދިނުމާއިގުޅޭ ޤާނޫނެއް އެކުވެރި އަރަބި އިމާރާތުން އެކުލަވައިލައިފިއެވެ.

އެކުވެރި އަރަބި އިމާރާތުގެ ޤައުމީ މަޖިލިސް، ފެޑަރަލް ނެޝަނަލް ކައުންސިލް އެފްއެންސީއިން މިހާރުވަނީ ފާސްވެސް ކޮށްފައެވެ.

އެކުވެރި އަރަބި އިމާރާތުގެ ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ ހުރިހާ މެމްބަރުންގެ އިއްތިފާޤުން މިއަދުއެވެ.

މި ޤާނޫނުގައި ބުނާގޮތުން ސިކުނޑީގެ އުނިކަން ހުރުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ އެއްވެސް ޙައްޤަކަށް ވަކިވަކި ފަރުދަކު ނުވަތަ ޢާއިލާއަކުންވެސް އަރައިގަނެގެން ނުވާނެއެވެ. އަދި އެފަދަ ޢަމަލެއް ހިންގައިފި މީހަކު ނުވަތަ އާއިލާއެއް ދެލައްކަ ދިރުހަމުން ޖޫރިމަނާކޮށް އިތުރު އަދަބެއްގެ ގޮތުގައި ޖަލަށްވެސް ލެވިދާނެއެވެ.

މި ޤާނޫނުގައި ބުނެފައިވާ ގޮތުގައި އެފަދަ ނުކުޅެދޭ މީހުނަށް ފަރުވާދޭތަނަކަށް މީހަކު ވެއްދުމަށް ނުވަތަ ނެރުމަށް ދޮގު މެޑިކަލް ރިޕޯރޓެއް ހެދި މީހަކަށްވެސް ޤަނޫނީ އަދަބު ދެވޭނެއެވެ. އަދި އެފަދަ ނުކުޅެދުންތެރިކަން ހުންނަ މީހަކާމެދު އިހާނެތި އަމަލެއް ހިންގައި ނުވަތަ ޤާޞްދުގައި އެމީހުނާ އަލައިނުލައިފި މީހަކު އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމާއިއެކު އެއްލައްކަ ދިރުހަމުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުންވެސް ގަދަކަމުން ނުވަތަ ޙީލަތްތެރިކަމުގައި އެފަދަ ނުކުޅެދޭ މީހުން ބައިތިއްބައިގެން ފަރުވާދޭ ތަނަކަށް ސަލާމަތުންހުރި މީހަކު ވައްދަން މަސައްކަތްކޮށްފިނަމަ އެފަދަ މީހަކު ނުވަތަ ބަޔަކު ތިންމަސްދުވަހުގެ ޖަލު ޙުކުމަކާއިއެކު ބައިލައްކަ ދިރުހަމާއި އެއްލައްކަ ދިރުހަމާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤާނޫނު އަމާޒުކުރެވިފައިވަނީ އެފަދަ ބަލިމީހުނަށް ބޭނުންވާ ޞިއްޙީ އަޅައިލުމާއި އެމީހުންގެ ޙައްޤުތަކާއި ކަރާމާތް ހިފަހައްޓައި ރައްކާތެރިކޮށްދިނުމަށެވެ.

އަދި މި ޤާނޫނުގައި ނަފްސާނީ ބަލި މީހުނާއި ސިކުނޑީގެ އުނިކަމުން ނުކުޅެދޭމީހުނަށް ފަރުވާދޭ ތަންތަނާއި އެފަދަ އެނޫންވެސް މަރުކަޒުތަކާއި ހުރހާ ތަނެއް ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި ދައުލަތުގެ ޤާނޫނު ތަކުގައި ވިޔަފާރިއާއި މުދަލާއި އެނޫންވެސް އެފަދަ އެއްވެސް އެއްޗަކުން ޑިއުޓީ ނުވަތަ ޓެކްސް ދައްކަން ނުޖެހޭ ސަރަޙައްދުތައްވެސް ހިމެނެވެ.

މި ޤާނޫނުގެ އަޙުކާމު އާންމުގައިވާގޮތުން އެކުވެރި އަރަބި އިމާރާތުގެ ތެރޭގައި ހިމެނޭ ކޮންމެ ސަރުކާރެއްގެ ތެރޭގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ކޮމިޓީ އުފައްދަންޖެހެއެވެ.

މި ކޮމިޓީތަކަކީ އެފަދަ ފަރުވާދޭ ތަންތަނުންހުށަހަޅާ ރިޕޯރޓުތަކުގައި ހުންނަ މައްސަލަތައް ބަލައި އެކަމަށް ފިޔަވަޅުއެޅުމުގެ ބާރު ލިބިދީފައިވާ ތަންތަނަށްވެސް ވާންޖެހެއެވެ.

އަދި އެ ކޮމިޓީތަކަކީ ނަފްސާނީ ބަލި މީހުން ފަރުވާ ހޯދުމަށް ދެކޮޅުހަދާނަމަ ޤާނޫނުގައި ކަނޑައަޅައިފައިވާ ޝަރުޠުތަކުގެ ދަށުން އެފަދަ މީހުނަށް ފަރުވާދިނުމަށް ބޭނުންވާ ހުއްދަވެސް ދޫކުރަންޖެހޭ ތަންތަނެވެ.

އެފްއެންސީ ކޮމިޓީ އޮން ހެލްތު އެންޑް އެންވަޔަރންމެންޓަލް އެފެއަރޒްގެ ނައިބު ރައީސް ނަޢީމާ ޢަބުދުﷲ އަލް ސަރުޙާން ވިދާޅުވީ ސިކުނޑީގެ އުނިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤު ރައްކާތެރިކުރާ މި ޤާނޫނު ބައްޓަން ކުރެވިފައިވަނީ ނަފްސާނީ އަދި އިޖުތިމާޢީ ހަމަޖެހުން ޤާއިމް ކުރުމަށެވެ. އެއީ އެފަރުދަކަށް އެމީހެއްގެ ލަނޑުދަނޑިތައް ޒާތީ ޤަބިލްކަމުން ހޯދޭނެ ގޮތުގެ މަތީން ކަމުގައެވެ.

އަދި އެއީ ދިރިއުޅުމުގެ ނުފޫޒީ ޙާލަތާއި މަސައްކަތުގެ މާޙައުލުގައި ހުންނަ ގޮންޖެހުންތަކާއި ކުރިމަތިލައި އުފެއްދުންތެރި އަދި ބިނާކުރަނިވި ގޮތުގައި މުޖުތަމަޢުގެ ޙިއްޞާއެއްގެ ގޮތުގައި ޤާއިމްވެވޭނެ މަގުހޯދައިދިނުންވެސް ހިމެނޭ ގޮތުގެ މަތީންނެވެ.

އޭނާ ވިދާޅުވީ އެފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ފަރުވާދޭ މަރުކަޒެއް ޤާއިމްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ލައިސަންސެއް ކަމާބެހޭ މުއައްސަސާއިން ހޯދަންޖެހޭނެ ކަމުގައެވެ.

މި ޤާނޫނުގައިވާ މާއްދާތަކުގެ ތެރޭގައި މަރުކަޒަކުން އެކަށައެޅިފައިވާ ގޮތެއްގައި ބޭރުން ފަރުވާދޭން ޖެހިއްޖެނަމަ ކަންކުރާނެ ގޮތާއި އެގޮތަށް ބޭރުން ދެވޭ ފަރުވާއެއް ފުރިހަމަ ނުވުމުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅާއި ދެވޭ ފަރުވާ އެހެން ގޮތަކަށް ބަދަލުކުރަން ވެއްޖެނަމަ އެކަންކުރާނެ ގޮތާއި އެފަދަ ތަނެއްގައި ބަލިމީހަކު މަޑުކުރުވަން ލާޒިމްކުރާނަ ބަލިމީހާގެ ރުހުމާއި ނުރުހުން އޮންނަންޖެހޭ ގޮތާއި ނަފްސާނީ ބަލި މީހަކު އަމިއްލައަށް އަދި ކުއްލި ޙާލަތުގައި ފަރުވާހޯދަން ބޭނުންމަ އެކަން އޮންނަންވާ ގޮތުގެ އުޞޫލުތައްވެސް ހިމެނިފައިވެއެވެ.

އެކުވެރި އަރަބި އިމާރާތުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި މި މިބިލު ޤާނޫނަކަށް ވެގެން އަންނާނީ ޔޫއޭއީގެ ރައީސް އަލް އަމީރު ޝައިޚް ބޚަލީފާބިން ޒައިދު އަލް ނަޙުޔާން ސޮއިކުރެއްވުމުންނެވެ.