ކުންފުނިތަކުން އުފައްދާ ކޮވިޑް ވެކްސިންގެ މަދުވެގެން ފަންސާސް އިންސައްތަ ކޮވެކްސް ފެސިލިޓީއަށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގައި ވެކްސިން އުފައްދާ ކުންފުނިތަކަށް ގޮވާލައިފިއެވެ.

ޖެނީވާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ވެކްސިން އުފައްދާ ކުންފުނިތަކުން ކޮވެކްސް ފެސިލިޓީއަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ކޮވެކްސް ފެސިލިޓީއަކީ ފައިސާގެ ހިލޭ އެހީ ހޯދައިގެން ވެކްސިން ގަނެގެން ފަގީރު ގައުމުތަކަށާއި، މެދުފަންތީގެ އާމްދަނީލިބޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ، ފަގީރު ގައުމުތަކަށް އެންމެ ކުޑަމިނުން ސިއްހީ އެހީތެރިންނާއި، އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް ދޭނޭ ވެކްސިނެއް ލިބިފައި ނުވާކަމަށް،، ޑަބްލިޔޫއެޗްއޯގެ ވެރިޔާވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުންވަނީ، ކުންފުނިތަކުން މިހާތަނަށް އުފެއްދި އަދި ކައިރި މުސްތަގްބަލުގައި އުފައްދަންހުރި ވެކްސިންވެސް ކުރިން ފައިސާ ދައްކައި ގަނެފައެވެ.

ދުނިޔޭގެ މުއްސަނދި ގިނަ ގައުމުތަކުން މިހާރުދަނީ، ސިއްހީ އެހީތެރިންނާއި، އުމުރުން ދުވަސްވީ މީހުންފަދަ ހައި ރިސްކް ގްރޫޕްތަކަށް ވެކްސިންދީ ނިންމުމަށްފަހު ކުޑަކުދިންނަށް ވެކްސިން ޖެހުމަށް ތައްޔާރުވަމުންކަން ޑރ. ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ.

ޑރ. ޓެޑްރޯސްވަނީ، ސެޕްޓެމްބަރު މަސް އަންނަން ވާއިރަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ އާބާދީގެ އެންމެ މަދުވެގެން ދިހައެއް އިންސައްތަ މީހުންނަށް ވެކްސިންދީ ނިންމުމަށް އަދި އަހަރު ނިމެންވާއިރަށް އާބާދީގެ ތިރީސް އިންސައްތައަށް ވެކްސިންދީ ނިންމުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.