ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ރެއާލް މެޑްރިޑުގެ ބްރަހިމް ޑިއާޒްގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި ރެއާލުން 30 މިލިއަން ޔޫރޯ ހަމަޖައްސައިފިއެވެ.

2019 ވަނަ އަހަރު މެންޗަސްޓަރ ސިޓީން ރެއާލް އަށް 17 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައި ޑިއާޒް ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

21 އަހަރުގެ އުންމީދީ މިޑްފީލްޑަރު އޭސީ މިލާނަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން މި މަސް ނިމުމުން ރެއާލަށް ބްރަހިމް ޑިއާޒް އަނބުރާ ބަދަލުވާއިރު ރިޕޯޓްތައް ބުނާގޮތުން މިލާނުން ބޭނުންވަނީ ޑިއާޒް އެ ކުލަބަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ބަދަލުވާށެވެ.

އެހެންނަމަވެސް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި މިލާނުގައި ޑިއާޒް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލްގެ ކޯޗުކަމާއި ދާދިފަހުން ހަވާލުވި ކާލޯ އެންޗެލޮޓީ ޑިއާޒް ރެއާލުގައި މަޑުކުރުވަން ބޭނުންވާ ކަމަށްވެސް ބޭރުގެ ބައެއް މީޑިއާތަކުން ބުނެއެވެ. އަދި އެންޗެލޮޓީގެ ސްކޮޑުގައި ޑިއާޒް ހިމަނާނީ އޭނާ އާއި ޑިއާޒް މަޝްވަރާކުރުމަށްފަހު ދެފަރާތަށް އެންމެ ފައިދާހުރި ގޮތެއް ބެލުމަށް ފަހުގައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސްޕެއިން އަށް ނިސްބަތްވާ ހުނަރުވެރި މިޑްފީލްޑަރު ވަނީ އޭސީ މިލާނުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ކުޅުނު 39 މެޗުން ހަތް ލަނޑު ކާމިޔާބުކޮށްދީ ހަތަރު އެސިސްޓު ކޮށްދީފައެވެ.