ޓާގެޓަކީ ސާމްޕަލް ޕޮޒިޓިވިޓީ ނިސްބަތް %5 އަށްވުރެ ދަށުގައި ހުރުން ކަމަށް، ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑްބަލީގެ ހާލަތު ގޯސްވާން ފެށުމުން، މެއިމަހުގެ 26 އިން ފެށިގެން ފިޔަވަޅުތައް އަޅަންފެށުމުން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައިވާ ކަމަށެވެ.

ޓެސްޓްހަދާ ސާމްޕަލްތަކުގެ ތެރެއިން މުޅި ރާއްޖޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު މެއިމަހުގެ މެދެއްހާ ހިސާބުގަ ހުރީ %31 އަށް އަރާފައި ކަމަށާއި، އޭފެހުން ކޮންމެވެސް ވަރަކަށް ދަށްވާން ފަށާފައިވާކަން ޑރ. ނަޒްލާ މުސްތަފާ ފާހަގަ ކުރެއްވިއެވެ.

"ކޮންމެވެސް ވަރަކަށް ބަދަލުތައް އައިސްފަ އެބަހުރި ކޮންޓެކްޓް ޓްރޭސިންގއާއި ރެންޑަމް ސާމްޕްލިންއާ މި ކަންތައްތަކަށް. ކޮންޓެކްޓް ޓްރޭސިން މިދޭތެރެއިން އެހާ ރަނގަޅަކަށް ނުހެދޭ. އަނެއްކާވެސް އަޅުގަނޑުމެން މިބަލަނީ ގިނަމީހުން ނުވަތަ ގާތްގަނޑަކަށް %80 މީހުންގެ ކޮންޓެކްޓް ނުވަތަ ލިންކް ހޯދިފަހުރުން. މީގެ އިތުރުން، ރެންޑަމް ސާމްޕްލިންގ އިތުރަށް ހަރުދަނާކުރުން. އޭރުން އިތުރަށް އަޅުގަނޑުމެންނަށް ޔަގީންކަން ލިބޭނީ. އެކަމަކުވެސް އެންމެންގެ އެއްބާރުލުމާއި، އެންމެންގެ މަސައްކަތާ އެކީގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތިރިއަށްދާތަން އެބަ ދައްކާ"
ޑރ. ނަޒްލާ މުސްތަފާ

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މާލެއަށް ބަލާލާއިރު މާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ %40، %50 ގަވެސް ބައެއް ދުވަސްދުވަހު ހުރިކަމަށެވެ.

އެކަމަކު މާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު މިހާރު ދައްކަނީ ގާތްގަނޑަކަށް %27 ގައި ކަމަށާއި، އަސްލު ޓާގެޓަކީ ސާމްޕަލް ޕޮޒިޓިވިޓީ 5 އިންސައްތައަށް ވުރެ ދަށުގަ ހުރުންކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ، އަދި އެބައޮތް ކުރިއަށް މަސައްކަތް ކުރުން. އެކަމަކުވެސް އަސްލު ވަރަށް ރަނގަޅު ނަތީޖާއެއް މިދައްކަނީ. އަޅުގަނޑުމެންގެ އުންމީދަކީ މިގޮތަށް ހިފަހައްޓާލެވިއްޖެއްޔާމު ކުރިއަށްއޮތް ތާނގައި އިރާދަކުރެއްވިއްޔާ މަޑުމަޑުން ދަށްވާނެކަން. އަދި އެގޮތަށް މާސްކް އެޅުމާއި ގައިދުރުމިން މިކަންތައްތައް ބަހައްޓަންޏާ އަޅުގަނޑުމެންގެ މުޖުތަމައުގަ މިކަހަލަ ބޮޑު ބަލިމަޑުކަމެއް ނުފެތުރި ހިފެހެއްޓުމަކީ އަޅުގަނޑުމެންގެ އުންމީދު"
ޑރ. ނަޒްލާ މުސްތަފާ

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، އަތޮޅުތެރެއަށް ބަލާލާއިރު، އަތޮޅުތެރެއިންވެސް ކޮންމެވެސް ވަރަކަށް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ދަށްވަމުންދާ ފަށާފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކުޑަކުދިންނާ ގުޅޭގޮތުން ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ޕަސެންޓޭޖް ވައިސްކޮށް ބަލާއިރު ކުޑަކުދިން އެޑްމިޓްކޮށްފައިވާ ވަރު ހުރީ ނިސްބަތުން އެއްވަރެއްގައި ކަމަށެވެ. އެހެން ނަމަވެސް، ނަންބަރު އިތުރުވާ ވަރަކަށް ކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންކަން ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް 1 އަހަރާއި 9 އަހަރާ ދެމެދު އަދި 10 އަހަރާއި 14 އަހަރުގެ ނިސްބަތުން ކުދިން ބަލިވާ ނަންބަރުތައް އިތުރުވެފަ މިވަނީ. އަޅުގަނޑުމެން ވިސްނަންޖެހޭ ކުޑަކުދިންނަކީ އަދި ވެކްސިން ނުޖެހޭ އުމުރުފުރާއެއްކަން. އެހެންވީމާ، އެކުދިންގެ ރައްކާތެރި ކަމަށްވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ"
ޑރ. ނަޒްލާ މުސްތަފާ