މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ, ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑުއުފުލުމަށްޓަކައި ރަސްފަންނުގައި ބޭއްވި ހަރަކާތް ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާއި ގުޅޭ މައްސަލަ ތަހުގީގު ނިންމާ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާއި މެދު ގޮތް ނިންމުގެ މަރުހަލާ ދަނީ ހިނގަމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެވި ސުވާލުގެ ޖަވާބުގައެވެ.

މެމްބަރު ކުރެވި ސުވާލުތަކަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާއިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯއާއި 1 މެއި 2021 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު މިހާތަނަށް ފުލުހަކަށް ފިޔަވަޅު އަޅާފައިވާނަމަ އެ ފިޔަވަޅަކީ ކޮބައިކަން ބެލުމަށެވެ.

މި ސުވާލުތަކަށް މިނިސްޓަރ ފޮނުއްވި ޖަވާބުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރާ ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ފުލުހުންގެ ޚިދުމަތުން އަބަދުވެސް ހާމަކުރަމުންދަނީ ތަފާތުކުރުމެއް ނެތި ކަމަށާއި އާންމުކޮށް އަމަލުކުރެވޭ އެއް އުސޫލަކުން ކަމަށެވެ.

އެގޮތުން ވަނަވަރު އާންމުކުރާއިރު ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުށުގެ ތަބީއަތާއި އެ ކުށުގެ ކުޑަބޮޑު މިނުގެ އިތުރަށް އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއާއި އަދި އެ މީހަކީ ތަކުރާރުކޮށް ކުށުގެ އަމަލުކުރާ މީހެއްގެ ގޮތުގައި ރެކޯޑް އޮތް މީހެއްތޯ ބަލާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުށާއި ގުޅިގެން މުޅި މުޖުތަމައު އެކަމާ ގުޅިފައިވާ މިންވަރު ބަލާނެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތުގެ ވަނަވަރާއި އެ މައްސަލައަކާއި އެ މީހަކާ އޮތް ގުޅުން ބަލާ ހިނގަމުންދާ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް އެ މައުލޫމާތެއް ހިއްސާ ކުރުމަށްވެސް ބެލެވޭ."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑުއުފުލުމަށްޓަކައި ރަސްފަންނުގައި ބޭއްވި ހަރަކާތް ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާއި ގުޅޭ މައްސަލަ ތަހުގީގު ނިންމާ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާއި މެދު ގޮތް ނިންމުގެ މަރުހަލާ ދަނީ ހިނގަމުން ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނިފޯ ހުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ސަރވިސް ނަންބަރު ފެންނަ ގޮތަށްކަން ހާމަކުރައްވާ މިނިސްޓަރ ވިދާޅުވީ އެރޭގެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން 8 ފުލުހަކީ ޕަބްލިކް އޯޑަރ ޓްރެއިނިނގް ފުރިހަމަކޮށްފައިވާ ފުލުހުން ކަމަށެވެ.

އަދި ބާކީތިބި 2 ފުލުހުންގެ ތެރެއިން 1 ފުލުހަކީ ޕަބްލިކް އޯޑަރ ޓްރެއިނިނގް ހަދާފައިނުވިނަމަވެސް ޓީމް ލީޑްކުރަމުންދާތާ އަހަރެއް ވެފައިވާ ފުލުހެއް ކަމަށާއި އަނެއް ފުލުސް މީހާއަކީ މިހާތަނަށް ފުލުހުންގެ ރެކްރޫޓް ޓްރެއިނިނގް ފުރިހަމަކޮށްފައި ނުވާ ފުލުހެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.