މާލެއާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ އިވެލިއޭޝަން މަސައްކަތް ނިމި، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވައެވެ.
ރައީސް ވިދާޅުވި މާލެއާއި ތިލަފުށި ގުޅާދޭ ބްރިޖުގެ ޓެންޑަރ މިހާރު ބަންދުކޮށްފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ބްރިޖުގެ އިވެލުއޭޝަން މަސައްކަތް ކަމަށާއި، މި މަސައްކަތް ވެސް އޮތީ ނިމުމާއި ގާތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އިވެލުއޭޝަން މަސައްކަތް ވެސް ވަރަށް އަވަހަށް ނިމި، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައިސް ވިދާޅުވީ ކޮވިޑް-19 ގެ މި ޕެންޑަމިކާއި ގުޅިގެން މަސައްކަތް ފެށުމުގައި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެގްޒިމް ބޭންކުގެ ބައްދަލުވުންތައް ނުބޭއްވި ދިއުމަކީ މި މަސައްކަތް ފެށުން ލަސްވާ ސަބަބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބްރިޖުގެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކުރާނީ ވެސް އިންޑިއާގެ ކުންފުންޏަކާއެވެ.
މީގެ އިތުރުން އެގްޒިމް ބޭންކުގެ އެހީގައި ގުޅީފަޅުގައި ކުރިއަށްގެންދާ ޕޯޓުގެ މަސައްކަތުގެ ވެސް ޑޮކިއުމެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، މި މަސައްކަތަށް އަދި ވެސް އިތުރު ބައެއް ހިއްކަންޖެހޭ ކަމަށާއި، މި މަސައްކަތަށް ފައިނޭންސް ރެއިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މާލެ ވިލިމާލެ ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށްވަނީ ނިންމާފައެވެ. މި ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނެދަލެންޑުގެ ފުގްރޯ ނަމަކަށްކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.