މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ކައުންސިލުން ނިންމައިފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފައިވަނީ މި މަހުގެ 20 ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިޚާބު ކުރުމަށެވެ.

ޑެޕިއުޓީ މޭޔަރު ހޮވުމުގެ ޖަލްސާ މިމަހު 21 ވަނަ ދުވަހު ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު 14 ދުވަހުގެ ނޯޓިސް އެއް ކައުންސިލުން މިހާރު ވަނީ މެމްބަރުންނަށް ދީފައެވެ.

މިވޯޓު ނަގާނީ ކައުންސިލް މެމްބަރުންގެ މެދުގައި ސިއްރުން ނެގޭ ވޯޓަކުންނެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝްގެ އިތުރަށް ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާއެވެ.