މާލެ ސިޓީ އަކީ ދެފުށް ފެންނަ ކައުންސިލަކަށް ހެދުމަށްޓަކައި ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަކީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ ކަމެއް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވެފައިމިވަނީ މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވާލުމަށާއި ލައިވް ކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްނުކުރަން އެ ކައުންސިލުން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ވަގުތެއްގައެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެސިޓީ ކައުންސިލަކީ ޓްރާންސްޕޭރެންޓް ކައުންސިލަކަށް ހެދުމަށްޓަކައި ކައުންސިލްގެ ޖަލްސާތައް ލައިވްކުރުމަކީ ކައންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީ ގައި ކަނޑައަޅާ ފާސްކޮށްފައިވާ ކަމެއްކަމަށާއި އަދި އެކަމަށް އޮފީހުގެ އައިޓީ އިންތިޒާމުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އަދި ޓްރާންސްޕޭރެންސީ ކަށަވަރުކުރުމަށްޓަކައި ހުރިހާ ކައުންސިލަރުންގެ މާލީ ތަފްސީލުތައް ވެބްސައިޓުގައި ޝާއިއު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މޭޔަރު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކައުންސިލަރުންގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލްގެ ބައްދަލުވުންތައް ވީހާވެސް ބޮޑަށް އާންމުންނާ ކައިރިން ބާއްވާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.